ތަޖުރިބާކާރު ޑިފެންޑަރު ބެންޖޯ އަލުން ޓީސީއަށް

ބެންޖޯ ޓީސީއަށް ކުޅުނު ދުވަސްވަރުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް މިހާރު ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރު ކަމަށްވާ އަބްދުﷲ ހަނީފް (ބެންޖޯ) މާޒިޔާ ދޫކޮށް އޭނާގެ ކުރީގެ ކުލަބު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބަށް އަލުން އަނބުރާ ބަދަލުވެއްޖެއެވެ.

މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ކޯޗު ކަމުގައި 2017 ވަނަ އަހަރުގެ ސީޒަނަށް ޓީސީއާ ގުޅުނު ބެންޖޯ ދެ އަހަރު ވަންދެން އެ ޓީމަށް ކުޅުމަށްފަހު މާޒިޔާއަށް ބަދަލުވީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މިފަހަރުގެ ސީޒަނުގައި މާޒިޔާއިން ލީގުގެ ލީޑަރުންގެ ގޮތުގައި އެހެން ޓީމުތަކަށް އަތުނުވާ ހިސާބުގައި އޮތް އިރު ބެންޖޯ ވަނީ ގިނަ މެޗުތަކެއްގައި ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ.

އެކަމަކު އައު އަހަރާއެކު ހުޅުވުނު ޓްރާންސްފާ މާކެޓު ރޭ ނިމުމުގެ ކުރިން މާޒިޔާއިން ވަނީ އަފްގާނިސްތާނުގެ ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ޝަރީފް އާއި ސާބިއާ އެއް ވަނަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ ޕީޓާ ޕްލެނިޗް ގެނެސްފައެވެ. އެހެން ކަމުން ބެންޖޯ އަލުން އަނބުރާ ޓީސީއަށް ބަދަލުވާން މާޒިޔާއިން ރިލީޒް ހޯދީ ކުޅުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ކުޅުނު ހުރިހާ ކުލަބުތަކެއްގެ ކޯޗުންގެ އިތުބާރު ހޯދާފައިވާ ބެންޖޯ ވަނީ މީގެ ކުރިން އައިއެފްސީއާއި ވީބީ އައްޑޫ އެފްސީއާއި ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސްއަށްވެސް ކުޅެފައެވެ. އަދި ޓީސީއާއެކު އޭނާ ވަނީ ރާއްޖޭގެ ކުލަބު ލެވެލްގައި މިހާތަނަށް ސަރަހައްދީ މުބާރާތަކުން ފުރަތަމަ ފަހަރަށް ރަންވަނަ ހޯދިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ.

ބެންޖޯ ވަނީ އެ މުބާރާތުގައި (ޝެއިހް ކަމާލް ކަޕު)ގެ ފައިނަލުގައި ހިތްގައިމު ގޯލެއްވެސް ޖަހައިދީފައެވެ. އަދި މިދިޔަ ސީޒަނުގައި ޓީސީއިން ރާއްޖޭގެ ލީގު ނެގި އިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މުހައްމަދު ޝާޒްލީ (ޝާޒް)ގެ ކޯޗުކަމުގައި ޓީސީން ރޭ ނިމުނު ޓްރާންސްފާ މާކެޓުގައި ބެންޖޯގެ އިތުރުން ގެނައި ކުޅުންތެރިންނަކީ، ގްރީންސްޓްރީޓްސްއިން ގެނައި އަލީ އަޝްފާގު (ދަގަނޑޭ)އާއި ށ. ފޯކައިދޫ ޓީމުން ގެނައި އަލީ ޝާމިސް (ތޮއްޕޭ) އެ ޓީމަށް ކުޅުނު ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް އަދި މިސްރުގެ ދެ ކުޅުންތެރިން ކަމަށްވާ ހަލީލް ޖަމާލް އަދި މަހުމޫދު ސައީދު ހިމެނެއެވެ.

comment ކޮމެންޓް