ލައިސަންސް ނެތި ސައިކަލް ދުއްވި ދެމީހަކު އެކްސިޑެންޓު ވެއްޖެ

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓު --- ސަން ފޮޓޯ

ލައިސަންސް ނެތި ސައިކަލް ދުއްވި ދެމީހަކު އެކްސިޑެންޓު ވެއްޖެ އެވެ.

ހުޅުމާލޭގައި ރޭ ހިނގި މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ދެ ސައިކަލުން އެއް ސައިކަލު ޔޫ ޓާން އެއް ނަގަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.

އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 10:41 ހާއިރު ކަމަށެވެ. އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ ސައިކަލުގެ ފަހަތުގައި 40 އަހަރުގެ ދިވެހި އަންހެނަކު އިން ކަމަށް ފުލުހުން ބުންޏެވެ. އަދި އެކްސިޑެންޓުގައި އެ ދެމީހުންނަށް އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ ދެމީހުންނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި އަނެއް ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ދެ ސައިކަލު ދުއްވަން ތިބި ދެމީހުން އަތުގައިވެސް ލައިސަންސް ނޯންނަ ކަމަށާއި އެދެމީހުން ދުއްވި ސައިކަލުތައް ޓޯކޮށް ދެމީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް