އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ގިނަ ބަޔަކު ކަނޑުމަގުން މުޒާހަރާކޮށްފި

މެންގަލޫރުގައި ކަނޑުމަގުން ގިނަ ބަޔަކު މުޒާހަރާކޮށްފައިވޭ --- ފޮޓޯ : އެންޑީޓީވީ

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ދާދި ފަހުން ގެނައި ބަދަލާ ގުޅިގެން ކަރުނާޓަކާގެ ސްޓޭޓެއް ކަމަށްވާ މެންގަލޫރުގައި އެތައް ބަޔަކު ކަނޑު ބޯޓުތަކުގައި އެއްވެއްޖެ އެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން އެނގޭގޮތުގައި ގިނަ ބަޔަކު ވަނީ އެކި ކަހަލަ އޮޑިފަހަރުތަކުގައި ރަށްވެހި ކަމުގެ ގާނޫނާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އެ ފަރާތްތަކުން ދަތުރުކޮށްފައި ވަނީ މެންގަލޫރުގެ އުއްލަލް އިން ފެށިގެން އަދިޔާރަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އެނގޭ ގޮތުގައި އާންމުން ނުރުހުން ފާޅުކުރުމަށް އެއް ސަރަހައްދަކަށް އެއްވެފައިވާ ކަމަށެވެ. އެގޮތުން ބޭރުގެ ބައެއް ނޫސްތަކުން ބުނާގޮތުގައި މެންގަލޫރުގައި ކުރިއަށް ދިޔަ އެއްވުމުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

އެ މުޒާހަރާ އިންތިޒާމުކުރި ކޮމިޓީގެ މެމްބަރެއްކަމަށްވާ މުހައްމަދު އާސިފް ބުނީ އެތަނަށް އެއްވެފައިވާ ހުރިހާ އެންމެނަކީ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލު ގަބޫލު ނުކުރާ މީހުން ކަމަށެވެ.

މެންގަލޫރުގެ މުޒާހަރާއަށް ދެ ލައްކައަށްވުރެ ގިނަ މީހުން އެއްވެފައިވޭ --- އެންޑީޓީވީ

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެ ނިންމުމަކީ ގާނޫނާ އެއްގޮތް ނިންމުމެއް ކަމަށް. އެހެންނަމަވެސް އަޅުގަނޑުމެން ކުރިއަށް ގެންދިޔަައީ ސުލްހަވެރި މުޒާހަރާއެއް. މުޒާހަރާ ކުރިއަށް ވެސް ގެންދަން ވާނީ ސުލްހަވެރިކޮށް،" އާސިފް ބުންޏެވެ.

މުޒާހަރާ ކުރިއަށް ގެންދިޔަ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުންގެ ވިޔަފާރިތައް ވަނީ އިއްޔެ މެންދުރުގެ ފަހުން ބަންދުކޮށްފަ އެވެ. އެއީ އެ މުޒާހަރާއަށް އޮތް ސަޕޯޓު ދެއްކުމަށް ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ.

އިންޑިއާއިން ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ ގޮތް ހަދައިފަ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ އެ އިސްލާހު ފާސް ކުރީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައި އެހެން ދީނަކަށް ތަބާވުމުގެ ސަބަބުން އަނިޔާއާ ފުރައްސާރައާ ކުރިމަތިލާން ޖެހޭ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.

މައުލޫމާތު: އެންޑީޓީވީ

ގުޅޭ ޓެގު
comment ކޮމެންޓް