ޕްރޮޖެކްޓުތައް ލަސްކުރަންޖެހޭ ސަބަބުތައް އެބަ ހުރި: އޭސީސީ

އޮކްޓޫބަރ 24، 2019: އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅޭ މަޝްރޫއުތަކާ ގުޅޭ މައްސަލަތަކާ މެދު އެ ކޮމިޝަނުން އަމަލު ކުރާ ގޮތުން ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންގޮސް މަޑު ކުރަން ޖެހޭ ފަދަ ހާލަތްތައް އެބަ ހުރި ކަމަށާއި އެކަންކަމާ ބެހޭގޮތުން ސަރުކާރާ މަޝްވަރާ ކުރައްވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހދ. ވައިކަރަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ބައެއް ފަހަރު ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށްދާ ބިޑުތަކާ ބެހޭގޮތުން އޭސީސީއަށް މައްސަލަ ހުށަހެޅުމުން އޭސީސީއިން އެ މައްސަލައެއް ބަލައިނިމެންދެން މަޝްރޫއު ހުއްޓުމަކަށް ގެނުވާ ކަމަށެވެ. އަދި އެއް މަސް ދެމަސް ފަހުން އެ ބިޑެއްގައި މައްސަލައެއް ނެތް ކަމަށް ކަނޑައަޅާފައި މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއްވެސް ފަރާތެއް ތަރައްގީގެ މަސައްކަތްތައް އަވަސްވުމަށް ހުރަހަކަށް ވެގެންނުވާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ "ސަން"އަށް ވިދާޅުވީ ރައީސްއަށް އަމިއްލަ ހިޔާލު ފާޅުކުރެއްވުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. އަދި އެ އެމަނިކުފާނުގެ ހިޔާލުފުޅުޅަށް އިހުތިރާމުވެސް ކުރައްވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ. އެހެންކަމުން ދިފާއުގައި މާ ބޮޑު އެއްޗެއް ވިދާޅުވާން ނުވަތަ ރައްދެއް ދެއްވަންވެސް ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، މަޝްރޫއުތައް ލަސްވާން ޖެހޭ ސަބަބުތައް އެބަ ހުރި ކަމަށެވެ. އަދި ޕްރޮޖެކްޓުތައް ލަސްވާ ސަބަބުތަކާ ބެހޭގޮތުން ރައީސް އޮފީހާއެކު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

"ލަސްވާކަމަށް ދެކެވޭ ކަމަށް ވަންޏާ އަޅުގަނޑުމެންގެވެސް އެބަ އޮތްތާ ސަބަބުތަކެއް. އެ ވާހަކަތައް، ރައީސް އޮފީހާއެކު މަޝްވަރާ ކޮށްލާނަން،" ޝިއުނާ ވިދާޅުވިއެވެ.

މަޝްރޫއުތައް ލަސްވާ ވާހަކަ ދެއްކެވި ނަމަވެސް، ވައިކަރަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އޭސީސީގެ މަސައްކަތްތައް ކުރިއަށް ދަނީ ކުރިއަށްދާން ޖެހޭ ގޮތަށް ކަމަށެވެ.

comment ކޮމެންޓް