އަމިއްލަ ސްކޫލުތައް ހިމެނޭގޮތަށް ދަރިވަރުންގެ ވެކްސިން މައުލޫމާތު ހިއްސާާ ކުރަން އެދިއްޖެ

މި އަހަރުގެ ދިރާސީ އާ އަހަރު ފެށި ދުވަހު މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމިއްލަ ސްކޫލުތައް ހިމެނޭގޮތަށް ދަރިވަރުންގެ ވެކްސިން މައުލޫމާތު ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދަރިވަރުންނަށް ތައުލީމު ދިނުމަކީ ސްކޫލުތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.

ރާއްޖޭގެ ވެކްސިން ތާވަލަށް މިދިޔަ އަހަރު އެޗްޕީއޭއިން ބަދަލު ގެނެސްފައިވާ ކަމަށާއި ރާއްޖޭގެ ސްކޫލުތަކަށް ކޮންމެ ގްރޭޑަކަށް އަލަށް ވައްދާ ކުދިންނާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާ ކުދިންނަކީ ގައުމީ ވެކްސިން ތާވަލުގައި ފުރިހަމަ ކުރަންޖެހޭ ވެކްސިންތައް ފުރިހަމަކޮށްފައިވާ ކުދިންކަން ކަށަވަރުކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އެޑިއުކޭޝަނުން ވަނީ ރާއްޖޭގައި ހިންގާ ސަރުކާރު، އަވަށު އަދި އަމިއްލަ ސްކޫލުތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ވެކްސިން ފުރިހަމަކޮށްފައިވާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އަންނަ މަހުގެ 27 ގެ ކުރިން މީމިސްއަށް އަޕްޑޭޓުކޮށް އެ މައުލޫމާތު މީމިސް މެދުވެރިކޮށް ބެލެހެއްޓުމަށް ސްކޫލުތަކަށް އަންގައިފައެވެ.

އެޑިއުކޭޝަނުން ބުނީ ވެކްސިން ނުޖަހާ ނުވަތަ ވެކްސިން ތާވަލު ފުރިހަމަ ނުކުރާ ދަރިވަރަކު އެއްވެސް ސްކޫލަކަށް ފާހަގަވެއްޖެނަމަ، އެ ދަރިވަރެއްގެ މައުލޫމާތު އެޑިއުކޭޝަންގެ ހެލްތު އެންޑް ސޭފްޓީ ސެކްޝަނާ ހިއްސާކޮށް އެ ސެކްޝަން މެދުވެރިކޮށް ނުވަތަ އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމުގައި ބައިވެރިކޮށް ވެކްސިން ފުރިހަމަކުރުމަށް މަސައްކަތްކުރުމަށް ސްކޫލުތަކަށް އަންގާ ކަމަށެވެ.

ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވައްދާއިރު ވެކްސިނުގެ މައުލޫމާތު ސާފުކުރި ނަމަވެސް އަމިއްލަ ބައެއް ސްކޫލުތަކުން ވެކްސިންގެ މައުލޫމާތު ފުުރިހަމަ ކުރިތޯ ނުބަލާ ދަރިވަރުން ސްކޫލަށް ވައްދާ މައްސަލަ މި ފަހުން ވަނީ ފެންމަތިވެފައެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ފެނި، ހިމަބިހީގެ އައުޓްބްރޭކު އިއުލާނު ކޮށްފައިވާއިރު ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ އުމުރުން ތިން އަހަރުގެ ކުއްޖެއްގެ ގައިންނެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަމިއްލަ ސްކޫލުތަކަށް ވައްދާއިރު ވެކްސިން ޑޯޒް ފުރިހަމަ ކުރޭތޯ ނުބަލާ ކަމަށާއި ނަމަވެސް އެކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް