ރައީސް ޕީޕީއެމަށް: ކައުންސިލް އިންތިހާބު ބޭނުން ވެގެން އުޅޭ ސަބަބެއް ނޭނގުނު!

ރައީސް ސޯލިހު ކުޅުދުއްފުށި ސިޓީގައި ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅު ފަރާތްތަކަށް ދޭން ޖެހޭ ކަމަށް އެ ފަރާތްތަކުން ބުނަނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ދިން ބޮޑު މެޖޯރިޓީއާއެކު ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ފަސޭހަ ވެގެން ދިޔަ ކަމަށެވެ. އަދި އެއާއެކު ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވުމުގައިވެސް އެ މެޖޯރިޓީން ފުރިހަމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެން އޮތީ ކައުންސިލް އިންތިޚާބުކަމަށާއި އެ އިންތިޚާބުވެސް ކާމިޔާބު ކުރުން ސަރުކާރަށް މުހިންމު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"ކައުންސިލް އިންތިޚާބަކީ، މުޅިން ތަފާތު އިންތިޚާބެއް. ސަރުކާރު ޖަވާބުދާރީކުރުމަށްތަކައި ރައްޔިތުންގެ މަޖިލިސް އެއޮތީ. އަޅުގަނޑުމެންނާ ވާދަވެރި ބޭފުޅުން، ކައުންސިލް އިނތިޚާބު އެބޭފުޅުންނަށް ދެއްވަން އެ ބުނަނީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޭނގެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލްގެ ދައުރަކީ ސަރުކާރުން ވީ ވައުދުތަކާއި ކުރަން ނިންމާފައި ހުރި ކަންކަން ކުރުމުގައި އެހީތެރިވެ، އެކަންކަން ތަންފީޒު ކުރުން ކަމަށެވެ. އެކަންކަން ކުރެވޭނީ، އެ ވައުދުތައް ގަބޫލުކުރާ، އެކަންކަމުގެ ވިސްނުން ހުރި ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އޮޑިއެއް ބަނަސް، ގެއެއް ރޭނިޔަސް، އަޅުގަނޑު ހޯދަން ބޭނުން ވަނީ، އެކަން ދަންނަ މީހެއް. އަޅުގަނޑު ވިޔަފާރި ހަވާލުކުރަން އަޅުގަނޑު ބޭނުންވާނީ، އެކަން ދަންނަ އެންމެ ރަނގަޅު މީހާއާ. އެންވީމާ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރުމަށް އަޅުގަނޑުވީ ވައުދުތައް ފުއްދޭނީ މިކަން ދަންނަ ބަޔަކަށް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަ ގޮތުގައި މިކަން ދަންނަ ބަޔަކަށް ތީބީ އެމްޑީޕީ. އެހެން ކަމުން ކައުންސިލް އިންތިޚާބު ބޮޑުތަނުން އެބަޖޭ އެމްޑީޕީއަށް ކާމިޔާބުވާން."

ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީ ނޫން ބަޔަކަށް އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ، ވައުދުތައް ފުއްދުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެން ކަމުން ތިލަދުންމަތީ ރައްޔިތުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ސޯލިހް އެދިވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ކުޅުއްދުއްފުށި ސިޓީއަށްކަށް ހެދުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަށް ކަމަށާއި މިއަދު އެ އެކަން ހަގީގަތަކަށްވި ނަމަވެސް އަދިވެސް އެ ސިޓީގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެ ސިޓީއާއެކު ތިލަދުންމަތިވެސް ތަރައްގީ ކުރުމުގެ ތަސައްވަރެއް ސަރުކާރުގައި އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ތިލަދުންމަތި ތަރައްގީ ކުރުމުގައި ސަރުކާރުގެ ތަސައްވަރަކީ، ކުޅުދުއްފުށި އެ ސަރަހައްދުގެ އިގްތިސޯދީ މައި މަރުކަޒަކަށް ހެދުން ކަމަށާއި އެ ޕްލޭނާއެއްގޮތަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އެގޮތުން މި ރަށުގައި [ކުޅުދުއްފުށީގައި] ސަރަހައްދީ ބޮޑު ބަނދަރެއް ހެދިގެން އެދަނީ. މި ރަށުގައި ޓާޝަރީ ހޮސްޕިޓަލް އެންމެ ޒަމާނީ ފެންވަރަށް ހިދުމަތްތައް ލިބޭ ގޮތަށް ތަރައްގީ ކުރާނަންން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ހޮސްޕިޓަލް ވެގެން ދާނީ ތިލަދުންމަތިއާއި އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްދެވިގެން ދާނެ ހޮސްޕިޓަލަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާއިރު، ފައިސާ އާއި ބާރުވެރިކަން ކައުންސިިލްތަކާ ހަވާލު ކުރަނީ ޒިންމާދާރުކަމާއެކު އެކަން ކުރުމަށްޓަކައި ކަމަށެވެ. އަދި އެކަން ކުރެވޭނީ އެމްޑީޕީއަށްކަން ރައީސް ތަކުރާރު ކުރެއްވިއެވެ.

comment ކޮމެންޓް