އެންސިސް ފިޝަރީޒްއިން އެންޒީގެ އާ ފިހާރައެއް ހުޅުވައިފި

އެންސިސްގެ ފިހާރަ ހުޅުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: ފަޔާޒު މޫސާ

މަހުގެ ތަފާތު އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެމުން އަންނަ އެންސިސް ފިޝަރީޒްއިން އެންޒީގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

އާ ފިހާރަ ހުންނަނީ ބަރުުޒު މަގުގައި އަހުމަދިއްޔާ ސްކޫލް ކައިރީގައެވެ.

މިރޭ އެ ފިހާރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ފިހާރަ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ.

މިރޭ ހުޅުވި ފިހާރައާއެކު އެންޒީގެ ހަތަރު ފިހާރަ ހުރެއެވެ. އެއީ މާލޭގައި ދެ ފިހާރައާއި ހުޅުމާލޭގައި ދެ ފިހާރައެވެ.

ފިހާރަ ހުޅުވުމަށް ފަހު އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއީލް ވިދާޅުވީ އެ ފިހާރައިން ތާޒާ މަހާއި އެންޒީ ބޭކަރީން ހަދާ ތަފާތު ވައްތަރުގެ ބޭކަރީ ޕްރޮޑަކްޓްތައް ލިބޭނެކަމަށެވެ. އަދި ވީހާވެސް ބޮޑަށް އެންސިސްގެ އަމިއްލަ އުފެއްދުންތައް ފިހާރައިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް ވީހާވެސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން. އެންމެ ބޮޑަށް އަޅުގަނޑުމެން ކުރާ އެއްކަމެއް ބާޒާރުގައި މަހުގެ އަގު ކިތަންމެ މައްޗަށް ދިޔަޔަސް އަޅުގަނޑުމެންގެ އަގުތައް ވާވަރަށް ހިފަހައްޓައިގެން ކަސްޓަމަރުންނަށް އަތްފޯރާ ފަށެއްގައި ބޭނުންކުރެވޭ ވަރެއްގައި އަގުތަކަސް ދެވޭތޯ ބެލުން" ވަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފިހާރައިން ވިއްކާ ޕްރޮޑަކްޓްތަކުގެ ކޮލެޓީއާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި އެ ޕްރޮޑަކްޓްތަައް ގެންނަނީ އެންސިސް ފެކްޓްރީއިން ކަަމަށެވެ.

"އެ ފެކްޓްރީއަކީ ޔޫރަޕާއި ޔޫއެސްއަސް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއިން އެކްސްޕޯޓްކުރާ ފެކްޓަރީ. އޭގެ ޕްރޮޑަކްޓްތަކާމެދު އެއްވެސް ޝައްކެއް ނެތް. ޔޫރަޕްއަށް އެކްސްޕޯޓް ކުރެވޭ ފެންވަރުގަ އަންނަ އެއްޗެތި މިއުޅެނީ" އޭނާ ވިދާޅުވިއެވެ.

ވަސީމް ވިދާޅުވީ އަންނަ މަހު ފުރަތަމަ ހަފްތާގައި ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަސް ހިލޭ އެންސިސްގެ މަސްދަޅެއް ދޭނެ ކަމަށެވެ.

comment ކޮމެންޓް