މިއަދު ހިމަބިއްސަށް ޓެސްޓު ކުރި 15 މީހުން ވެސް ނެގެޓިވް

ހިމަބިހި ---

ހިމަބިހި ޖެހިފައިވާ އިތުރު މީހަކު އަދި ނުފެންނަ ކަމަށާއި މިއަދު ހިމަބިއްސަށް ޓެސްޓުކުރި 15 މީހުން ވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުން އަންނާތީ، އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހިމަބިހި ކަމަށް ޝައްކު ކުރެވޭ ފަރާތްތަކާއި، މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް މީހުން ހިމަބިއްސަށް ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިއަދު 15 މީހެއްގެ ޓެސްޓު ހަދާފައިވާ ކަމަށާއި، އެ އެންމެން ވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަމަކު މި ނިމުނީކީ ނޫން. ޓެސްޓު ކުރެވުނު ފަރާތްތައް ވެސް އަލުން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅީ 2017 ވަނަ އަހަރުއެވެ. އެހެން ނަމަވެސް މިއަހަރުގެ މިހާތަނަށް ތިން މީހަކަށް ހިމަބިހި ޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ.

އެންމެ ފުރަތަމަ ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖެކެވެ. އެޗްޕީއޭއިން ބުނީ އެކުއްޖާއަކީ ހިމަބިއްސަށް ދޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ. އޭގެ ފަހުން 30 އަހަރުގެ ޑޮކްޓަރަކާޢި އިތުރު މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް ހިމަބިހި ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނާ ހެލްތު މިިނިސްޓްރީން މުއާމަލާތްކޮށް، އެއްވެސް ރަށަކުން އެއްވެސް މިންވަރަކަށް ހިމަބިހީގެ އަލާމާތްތައް ފެނޭތޯ ބެލުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އަދި މިހާތަނަށް އެއްވެސް ރަށަކުން ހިމަބިހީގެ އަލާމާތެއް ފެނިފައި ނުވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް