ޑިމޮކްރެޓިކުންގެ ބަހުސްގައި އެލިޒަބަތު، ބާނީއާ ސަލާމެއް ނުކުރެއްވި

ބާނީއާއި އެލިޒަބަތު---

ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޑިމޮކްރެޓިކް ޕާޓީން ބޭއްވި ބަހުސްގައި ސެނެޓާ އެލިޒަބަތު ވޮރެންއާއި ސެނެޓާ ބާނީ ސޭންޑާސް ސަލާން ނުކުރި މައްސަަލައަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

އެ ދެބޭފުޅުންނަކީވެސް ޑިމޮކްރެޓިކް ޕާޓީން ރައީސް ކަމަށް ވަދާކުރައްވަން ޓިކެޓް ހޯއްދަވަން ކެމްޕޭންކުރައްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ.

ރޭ ބާއްވާފައިވަނީ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ބަހުސެވެ. އެ ބަހުސް ނިންމައި އެލިޒަބަތާއި ބާނީ ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވަނީ އެކަކު އަނެކަކާ ސަލާމްކޮށްފައެވެ.

އެ ބަހުސްގައި ބައިވެރިވި އެހެން ކެންޑިޑޭޓުންނާ ސަލާންކުރުމަށް ފަހު ސޭންޑާސް އެލިޒަބަތު ސަލާމްކުރަން އުޅުމުން އޭނާ ސަލާމެއް ނުކުރެއްވިއެވެ.

ސަލާން ނުކުރައްވައި ހޭދަވި ކުޑަވަގުތުކޮށް ދެ ބޭފުޅުންގެ މޫނުމަތިން ވަރަށް ނުތަނަވަސް ވާހަކަތަކެއް ދައްކަވާތައް ފެނިގެން ދިޔައެވެ. ނަަމަވެސް މައިކްރޯފޯން ނިއްވާލައިފައި އޮތުމުން ދެެއްކެވި ވާހަކަ އަޑެއް ނީވެއެވެ.

އަންހެނަކަަށް އެމެރިކާގެ ރައީސްއަކަށް ނުވެވޭނެކަމަށް ބާނީ ވިދާޅުވިކަމަށް އެލިޒަބަތު ދާދި ފަހުން ވިދާޅުވިއެވެ. ނަމަވެސް ސޭންޑާސް ވަނީ އެވާހަކަ ދޮގުކުރައްވައިފައެވެ.

"އަޅުގަނޑު ރަނގަޅަށް ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެ އަޅުގަނޑު އެހެން ނުބުނާނެކަން. މީގެ 30 އަހަރު ކުރިން އަޅުގަނޑު ދައްކާފަ ހުންނާނެ ޔޫޓިއުބްގައި. އޭގައި ހުންނަނެ ބުނެފަ އަންހެނަކަށް އެމެރިކާގެ ރައީސްކަން ކުރެވޭނެކަން،" ބާނީ ވިދާޅުވިއެވެ.

ސީއެންއެންގެ ކޮރޮސްޕޮންޑޮންޓް އެބީ ފިލިޕް އެ ވާހަތަކާ ގުޅޭގޮތުން ކޮމެންޓްއަކަށް އެދުމުން އެލިޒަބަތު ވިދާޅުވީ އޭނާ ބާނީގެ ވާހަކަތަކަށް ދެކޮޅު ހައްދަވައި، އަންހެނަކަަށްވެސް ރައީސަކަށް ވެވިދާނެކަމަށެވެ.

ހިޔާލު ހޯދުންތަކުން ދައްކާގޮތުން ޑިމޮކްރެޓިކުންގެ ޕްރައިމަރީ ރޭހުން ކުރީގައި އުޅުއްވަނީ ބާނީއާއި އެލިޒަބަތެވެ. އެ ރޭހުގައި ޖުމްލަ 12 ބޭފުޅުން ވާދަކުރައްވަމުންދާއިރު ބިލިއަނަރު މައިކަލް ބްލޫމްބާގާއި އެމެރިކާގެ ކުރީގެ ނާއިބު ރައީސް ޖޯ ބައިޑަންގެ އިތުރުން ތުލްސީ ގަބާޑް ފަދަ ބޭފުޅުން ހިމެނިލައްވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް