ބަނޑުގައި އޮންނަ ދަރިފުޅުގެ ބަލިތައް ހުރިތޯ ޓެސްޓްކުރެވޭ ގޮތް ހަދަނީ

ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިން ފެށުމުގެ ގޮތުން ފެށި ވޯކްޝޮޕްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަނޑުގައި އޮންނަ ދަރިފުޅުގެ ބައެއް ބަލިތައް ހުރިތޯ ބެލުން ނުވަތަ ޕްރީނޭޓަލް ސްކްރީނިން ހަދަން އައިޖީއެމްއެޗްއިން ނިންމައިފިއެވެ.

އޭގެ އިތުރުން އައިޖީއެމްއެޗްއިން ވަނީ ނިއުބޯން ސްކްރީނިންގެ ހިދުމަތްވެސް ފަށަން ނިންމައިފައެވެ.

ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަޑުގައި ދަރިފުޅު އޮންނައިރު އެ ކުއްޖާ ބައެއް ބަލިތަކަށް ސްކްރީންކޮށް ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދޭ ހިދުމަތެކެވެ. އަދި ނިއުބޯން ސްކްރީނިންގެ ހިދުމަތްތަކީ ވިހެއުމަށްފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތަކަށް ސްކްރީން ކުރުމުގެ ގޮތުން ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދޭ ހިދުމަތެކެވެ.

އެ ހިދުމަތް ދޭން ބޭނުންވާ ވަސީލަތަތްތައް އައިޖީއެމްއެޗްއަށް ފޯރުކޮށްދެނީ އެސްޓީއޯއިން ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

މީގެ ކުރިން އެފަދަ ބަލިތައް ޓެސްޓްކުރަނީ ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިގެންނެވެ.

ނިއުބޯން ސްކްރީން ސީއެމްއީ އެވެންޑް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރީނޭޓަލް ސްކްރީނިންއާއި ނިއުބޯން ސްކްރީނިންގް ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިއަދު ވަނީ ވޯކްޝޮޕްއެއްވެސް ފަށައިފައެވެ. އެ ވޯކްޝޮޕް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިންގެ ސަބަބުން ތުއްތު އުމުރުތަކުގައި ކުދިން މަރުވާ ސަބަބުތައް ދެނެގަނެ، އެ ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމާއި، އެކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިކަން ލިއްބައިދޭނެކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. އަސީލް ޖަލީލް ވިދާޅުވީ އެ ހިދުމަތް ފެށުމުގެ ކުރިން އަޅުގަނޑުމެން އެކަމަށް ވަރަށް ބޮޑަށް ދުރާލަ ތައްޔާރުވާން ޖެހޭ ކަމަށެވެ.

"އަސްލު ފާހަގަކޮށްލަން ބޭނުންވަނީ މިކަހަލަ ޓެސްޓަކަށް ދާއިރުގައި ދުރާލާ އަޅުގަނޑުމެން އެބަޖެހޭ ކައުންސިލިންއެއް ހަދަން. މި ޓެސްޓުން މިވެނި ނަތީޖާއެއް ނުކުމެއްޖިއްޔާ މިވެނި ކަމެއްކަން އެހެން ނަތީޖާއެއް އޮވެެއްޖިއްޔާ މިހެންކަން. މީ އަޅުގަނޑުމެން ދުރާލާ ޓެސްޓްކުރަން ޖެހޭ ކަމެއްކަން. އެހެންވީމާ ޕްރީ ޖެނެޓިކް ކައުންސިލިން ވަރަށް މުހިންމު" ޑރ. އަސީލް ވިދާޅުވިއެވެ.

comment ކޮމެންޓް