ވެކްސިން ދޭން ދެކޮޅު ހަދާ މީހުންނަށް މިހާރު އެޅެން ހުރި ފިޔަވަޅުތައް ބަލަނީ

ޕީޖީ ހުސައިން ޝަމީމް -- ފޮޓޯ/ ރައީސް އޮފީސް

ވެކްސިން ޖެހުމާ ދެކޮޅު ހަދާ މީހުންނަށް ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޖީ މިއަދު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވީ ވެކްސިން ޖެހުމާ ދެކޮޅު ހަދާ ފަރާތްތަކާ މެދު އެޅޭނެ ގާނޫނީ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެން ފަށާފައި ވާއިރު، ވެކްސިން ޖެހުމާ ދެކޮޅަށް އާންމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕެއްގެ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެ ގްރޫޕު ހިންގާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ހިމަބިހި ފެތުރޭކަން އިއުލާނު ކުރި ފަހުން، ފުލުހުން ވަނީ އެ ގްރޫޕުގެ މައްސަލަ ބަލަން ފަށައިފަ އެވެ.

ޖަމްޝީދު ޓުވިޓާގައި ސުވާލު އުފައްދަވާފައި ވަނީ ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކޮށް ތަސްދީގުކުރައްވާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ތޯ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެ ގާނޫނުގައި ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާ އާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"މިފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަން އެކަމުގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސެންސް ލިބިފައިވާ ފަރާތެއް ވާނަމަ، ލައިސެންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެއެވެ." ގާނޫނުގައި ބުނެފައިވެއެވެ.

ޖަމްޝީދު ވިދާޅުވީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ރާއްޖެއިން ނައްތާލެވުނު ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް އަލުން ފެތުރުމަށް މަގުފަހިވާ ފަދަ ކަންކަން ހުޓުވެން ޖެހޭ ކަމަށެވެ.

ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. ޖަމްޝީދުގެ ޓުވީޓަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ.

އެ ގާނޫނަށް އަދި އަމަލުކުރަން ނުފެށޭތީ އެ ގާނޫނުގައި ބުނެފައިވާ ފިޔަވަޅުތައް ނޭޅުނު ނަމަވެސް، އެފަދަ ފަރާތްތަކާ މެދު އެހެން ގާނޫނުތަކުގެ ދަށުން އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ވެކްސިން ޖެހުމާ ދެކޮޅަށް މައުލޫމާތު ފަތުރާ ވައިބާ ގްރޫޕެއްގެ އިތުރުން، ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށްވެސް މިދިޔަ އަހަރުން ފެށިގެން މިފަދަ މައުލޫމާތުތަކެއް ބަޔަކު މީހުން އަންނަނީ ފަތުރަމުންނެވެ.

ގާތްގަނޑަކަށް 1،600 މީހުން ތިބޭ އެ ވައިބާ ގްރޫޕުގައި ވެކްސިން ދިނުމާ ދެކޮޅު ވާހަކަތައް ފަތުރާ އިރު، ބައެއް މީހުން ވަނީ ވެކްސިނަކީ ދޭންޖެހޭ އެއްޗެއްކަން އެމީހުންނަށް ވިސްނައިދިނުމަށްވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެ ވައިބާ ގްރޫޕުގައި މެސެޖުކުރުން ވަނީ ހުއްޓާލާފައެވެ.

މި ފަހުން ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިންވެސް ދަރިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާތަކެއްގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ވެކްސިން ދޭން ދެކޮޅު ހެދި ބައެއް އާއިލާތަކަށް ޖެންޑާ މިނިސްޓްރީން ދިން ނަސޭހަތް ގަބޫލުކޮށް، ތިން ކުއްޖަކަށް ވެކްސިން ދިނެވެ.

އަދި ވެކްސިން ދިނުމަށް ދިން ނަސޭހަތް ގަބޫލުނުކުރި އާއިލާއެއްގެ ކުއްޖަކު އަތުލައި، އެކުއްޖާގެ ބޮޑުދައިތައާ ހަވާލުކޮށްފައިވެސް ވެއެވެ.

comment ކޮމެންޓް