ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ހުށަހަޅައިފި

"އިރުވައި ކޮންފަރެންސް"ގެ ޕެނަލް ޑިސްކަޝަންގެ ތެރެއިން --- ފޮޓޯ/އެމްޑީޕީ

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމައި، މުސާރައަށް ގެންނަން ނިންމާފައިވާ ބަދަލުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ފެށި އެ ޕާޓީގެ ތިލަދުންމަތީ "އިރުވައި ކޮންފަރެންސް"ގެ ޕެނަލް ޑިސްކަޝަންގައި ކައުންސިލަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކައުންސިލަރުންގެ މުސާރައަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހާމަކުރައްވައިފައެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް، ކައުންސިލަރުންނަށް ދޭނެ މުސާރަ ކަނޑައެޅުމަށްފަހު ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. މުސާރަ ފައިނަލް ކުރާނީ ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށްފަހުއެވެ.

މިއަދު ރައީސް ވިދާޅުވީ މޭޔަރަކަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރަކަށް 35،000، ސިޓީ ކައުންސިލް މެމްބަރަކަށް 30،000 ރުފިޔާ، އަތޮޅު ކައުންސިލް ރައީސަކަށް 28،000 ރުފިޔާ، ރަށު ކައުންސިލްގެ ރައީސަކަށް 23،000 ރުފިޔާ، ޑެޕިއުޓީއަށް 15،000 ރުފިޔާ، އަދި މެމްބަރަކަށް 12،000 ރުފިޔާ ކަނޑައަޅައި މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

"ސްޓްރަކްޗާ މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. މަޖިލިސް ހުޅުވުމާއެކީގައި މަޝްވަރާއަށް ފަހުގައި ކުރިއަށް ދާން ނިންމުމެއް ނިންމާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުންގެ މުސާރައަށް ބަދަލުގެންނަން ނިންމީ، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކާއި ހަތް މެމްބަރުންގެ ކައުންސިލްތަކުގެ މެދުގައި މުސާރައިގެ ފަރަގެއް ހުރުމުން ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ކައުންސިލެއް ވިއްޔާ، ރަށު ކައުންސިލެއް ވިއްޔާ އޮންނަން ވާނީ ހަމަހަމަކޮށޭ، ސިޓީއެއް ވިއްޔާ ކުރަންޖެހޭ މަސައްކަތްތައް ހަމަ އެއްވަރަކަށް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

މިހާރު ރަށު ކައުންސިލަރެއްގެ މުސާރައަކީ 10،000 ރުފިޔާއެވެ. ކައުންސިލްގެ ރައީސަށް މުސާރައިގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު، ނައިބުގެ މުސާރައަކީ 12،000 ރުފިޔާއެވެ. މިހާރު އަތޮޅު ކައުންސިލުގެ ރައީސަށް މުސާރައަށް ލިބެނީ މަހަކު 25،000 ރުފިޔާއެވެ.

"އެހެންވީމަ ސިޓީތަކަށާ ރަށު ކައުންސިލްތަކުގެ މުސާރަތައް އެއޮތީ އެއްގޮތަށް ކަނޑައެޅިފައި. އެހެންވީމަ މަޖިލިސް ހުޅުވުމާއެކީގައި އެއަށް ނިމުމެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ މެމްބަރުންނާއި މޭޔަރުންގެ މުސާރަ ކުޑަކުރަން 2015 ވަނަ އަހަރު މަޖިލީހުން ވަނީ ނިންމައިފައެވެ. އޭރު މުސާރަ ކުޑަކުރީ ސިޓީ ކައުންސިލްގެ ބައެއް މަސްއޫލިއްޔަތުތައް ހައުސިން މިނިސްޓްރީއަށް ބަދަލު ކުރުމަށްފަހުއެވެ.

އެއާއެކު 45،000 ރުފިޔާގެ މުސާރަ ދެމުން އައި މޭޔަރުންގެ މުސާރަ 18،000 އަށް ކުޑަކުރިއެވެ. އަދި މުސާރައަށް 35،000 ރުފިޔާ ލިބެމުން އައި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000 ރުފިޔާއަށް ކުޑަކުރިއެވެ. އަދި 25،000 ލިބެމުން އައި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކުރީ 11،500 ރުފިޔާއަށެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި މޭޔަރުންނާއި ސިޓީ ކައުންސިލަރުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ.

އެއާއެކު އިންޝުއަރެންސް ޕެކޭޖަކާއެކު ސިޓީ ކައުންސިލްގެ މޭޔަރަށް މުސާރައިގެ ގޮތުގައި ޖުމްލަ 40،000 ރުފިޔާ ލިބެއެވެ. ޑެޕިއުޓީ މޭޔަރަށް ޖުމްލަ 35،000 ރުފިޔާގެ މުސާރައެއް ލިބޭއިރު ސިޓީ ކައުންސިލްގެ މެންބަރުންނަށް މަހަކު 30،000 ރުފިޔާ ދޭން ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް