ކުއްޖެއްގެ ނޭވާހޮޅިން އަނެއްކާވެސް ބުރުގާ ޕިނެއް، ހީކުރާ ވަރަށް ވުރެ ނުރައްކާ!

ކުޑަ އަންހެން ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް ނަގަން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އިއްޔެ އޮޕަރޭޝަނެއް ކޮށްފި އެވެ.

އައިޖީއެމް ހޮސްޕިޓަލުގައި އެކުއްޖާގެ އޮޕަރޭޝަން ކުރި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕިން ނަގާފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖެއްގެ ނޭވާހޮޅިން ކަމަށެވެ.

އޮޕަރޭޝަނަށްފަހު ޑޮކްޓަރުންގެ ޓީމުން އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އެ ޕިން ނަގާފައި ވަނީ ރިޖިޑް ބްރޮންކޯސްކޯޕް ބޭނުންކޮށްގެން ކަމަށެވެ. އެއީ ދަގަނޑު ހޮޅިއެއް ގޮތަށް އިންނަ އެއްޗެއް ނޭވާހޮޅީގެ ތެރެއަށް ލައްވައިގެން ޕިން ނެގުމެވެ.

އަދި މިގޮތަށް ނޭވާހޮޅީގެ ތެރެއަށް ދަގަނޑު ހޮޅިއެއް ލައްވައިގެން ޕިން ނަގަން އުޅުމުގެ ތެރޭގައި ލޭ އައިސް، ފުއްޕާމޭ ފަޅައިގެން ދިއުން ފަދަ ނުރައްކާތެރި ހާދިސާތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައި ހުރިކަން ޑޮކްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"އިރާދަކުރެއްވީތީ މިކަހަލަ ކޮމްޕލިކޭޝަން އެއް ނެތި އަޅުގަނޑުމެންނަށް އަދި ޕިން ނެގުނު ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެއް،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ ގިނަފަހަރު ދިރުވާލެވޭ ޕިން، ކަނާތް ފަރާތު ނުވަތަ ވައަތް ފަރާތު ފުއްޕާމެއިން ތިރިއަށް ގޮސް ހުންނަ ކަމަށް ވާނަމަ، ރިޖިޑް އެންޑޮސްކޯޕް އެ ހިސާބަށް ނުފޯރާނެ ކަމަށެވެ. ދެން އެހިސާބުން ޕިން ނަގަން ޖެހޭނީ ފްލެކްސިބަލް ސްކޯޕެއް ލައްވައިގެން، މަޑުމަޑުން ބޭރުކޮށްގެން ކަމަށާއި އެއީ ވަރަށް ގިނަ ވަގުތު ނަގާ އަދި ނުރައްކާތެރި ކަމެއް ކަމަށެވެ.

"އެހެންވީމަ ޕިން އަނގަޔަށް ލައިގެން އުޅެނިކޮށް އެ ޕިން ނޭވާ ހޮޅީގެ ތެރެއަށް ދިއުމަކީ ވަރަށް ނުރައްކާތެރިކަމެއް ދިމާވެދާނެ ކަމެއް،" ޑޮކްޓަރު ވިދާޅުވި އެވެ.

އެ އޮޕަރޭޝަން ކުރި ޓީމުން ވަނީ އެއްވެސް ބޭނުމެއްގައި ޕިން އަނގަޔަށް ލައިގެން ނޫޅުމަށް އިލްތިމާސް ކޮށްފަ އެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ އިލްތިމާސް އަކީ، އެއްވެސް ކަމަކަށް އެއްވެސް ހާލެއްގައި ބުރުގާ ޕިން އެއް ވިޔަސް އަދި އެހެން ކަހަލަ އެއްޗެއް ވިޔަސް އަނގަޔަށް ލައިގެން ވާހަކަ ދައްކާ ނުވަތަ ކެއްސާ ނުވަތަ މިކަހަލަ ކަމެއް ދިމާވެދާނެ ކަމަށް ބަލާފައި އެއްވެސް ހާލަތެއްގައި ހާއްސަކޮށް ބުރުގާ ޕިން އަނގަޔަށް ލައިގެން ނޫޅުން،" ޓީމުގައި ހިމެނޭ ޑޮކްޓަރަކު ވިދާޅުވި އެވެ.

ފަހަކަށް އައިސް ބުރުގާ ޕިން ދިރުވާލެވިގެން އޮޕަރޭޝަން ކުރަން ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެ ފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އަންހެން ކުއްޖެއްގެ ޕުއްޕާމެއިން ބުރުގާ ޕިނެއް ނެގި އިރު، 26 ވަނަ ދުވަހު ކުޑަ ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް ނެގި އެވެ. އަދި 25 ވަނަ ދުވަހު 19 އަހަރުގެ އަންހެނެއްގެ ބަނޑުން ވެސް ބުރުގާ ޕިނެއް ނެގި އެވެ.

އައިޖީއެމްއެޗް އިން ބުނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވެސް އައިޖީއެމްއެޗު އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް