މަޝްރޫއުތައް ލަސްވުމުގެ ހުރަހަކަށް އޭސީސީ ވެގެން ނުވާނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ލަސްވާ ސަބަބަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން ވެގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޯކަަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ފަށާފައިވާ ކެމްޕޭނުގައި ބައިވެރިވެވަޑައިގެން، މިއަދު ހދ. ވައިކަރަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިން ވޯޓުން ރައްޔިތުން ސަރުކާރާ މަތިކުރި ޒިންމާތައް ފުރިހަމައަށް އަދާކުރެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

އަދި ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީއަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ދީފައިވާ ކަމަށާއި، މަޖިލީހުގެ ދައުރުވެސް ފުރިހަމައަށް އަދާކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ރަނގަޅަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރުވެސް، ޒިންމާދާރުކަމާއެކީ ޖަވާބުދާރީ ކުރަމުން އެ ދަނީ. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން. އެއީ އެކަން އޮންނަން ވާނެ ގޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމަކާ އެ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް، ސަރުކާރުން ކުރާ ހުރިހާ ކަމެއް ބަލައި، ޒިންމާދާރު ކުރުވެން ޖެހޭނެ ކަމަށެވެ.

ހަމައެއާއެކު، މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އޭސީސީ އަށް ގެންނެވި ބަދަލު ރައީސް ފާހަގަކުރެއްވިއެވެ.

"އޭސީސީ އެއޮތީ ބަދަލުކޮށްފައި، އެބޭފުޅުން އެބޭފުޅުންގެ ދައުރުވެސް އަދާކުރައްވަމުން އެބަ ގެންދަވާ. އެއީ އެކަން އޮންނަން ވާނެ ގޮތް،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މި ބަދަލުތަކުގެ ސަބަބުން ބައެއް ޕްރޮޖެކްޓުތަކަށް ލަސްކަމެއް އަންނަ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިޑަކާ ގުޅިގެން އެއްވެސް ރައްޔިތެއްގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެކަމެއް ބަލަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްޓަކައި ބައެއް ފަހަރު ޕްރޮޖެކްޓެއް މަޑުޖައްސާލަން އޭސީސީން އަންގާ ކަމަށެވެ.

އަދި އެކަމަށް ގިނަ ދުވަސްތަކެއް ހޭދަވެ، ޕްރޮޖެކްޓުތައް ކުރިއަށް ނުގޮސް ހުންނަ ހުރުމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށާއި، ޕްރޮޖެކްޓުތައް ލަސްވުމުގެ ހުރަހަކަށް އެއްވެސް މީހަކު ވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އެއް މަސް ދެމަސް ވެގެން އެބަ ދޭ. އެއަށްފަހު އޭގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވެ އަނެއްކާވެސް ކުރިއަށް ގެންދަން އެބަ ވިދާޅުވޭ. އަޅުގަނޑު ހިތުން މިއަށް ކުޑަ ބަދަލެއް ގެންނަން ވީ. ކަންތައްތައް ބަލަން ޖެހޭނެ، ގޯސްކޮށް ކަމެއް އުޅެންޏާ އެކަމެއް ރަނގަޅު ކުރަން ވެސް ބުނަން ވާނެ. އެކަމަކު މަސައްކަތްތައް ލަސްވުމަށް ހުރަހަކަށް އެއްވެސް ބޭފުޅަކު ވެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ބައެއް ޕްރޮޖެކްޓުތަކާ ގުޅިގެން އެތަނުގެ މެނޭޖިން ޑިރެކްޓަރާ ވަރަށް ފަހުން ބައްދަލުކުރެއްވި ކަމަށާއި، ބައެއް ހިސާބުގައި ކުރަންޖެހޭ ކަންތައްތައް ނުކުރެވި ހުރުމުގެ ސަބަބުން ޕްރޮޖެކްޓުތައް ނުފެށި ހުރިކަން ފާހަގަވި ކަމަށެވެ.

"މިއީ އަޅުގަނޑުމެން ހިންގުމުގައި އަދި ޖަވާބުދާރީ ކުރުވުމުގައި ވިސްނަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ވައިކަރަދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށް ވުރެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު މާބޮޑަށް މުހިންމު ކަމަށެވެ.

އަދި ހާއްސަކޮށް ރަށްރަށުގެ ތަރައްގީއަށްޓަކައި، ރަށްރަށުގެ ކުރިއެރުމަށް ކުރާ މަސައްކަތް ހަލުވި ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ މުހިންމުކަން ބޮޑުކަމަށެވެ.

"އަޅުގަނޑުމެން މި ހޯދަނީ، އަޅުގަނޑުމެން ކުރަހާލި މަންޒަރުގައި ކުލަ ޖައްސަން ބޭނުންވާނެ ފަރާތްތައް،" ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާއެކު ރަށު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއްދީ، ބޮޑު ބަޖެޓެއް ދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމަ ތިބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކުރި ވެރިކަމާ، ރައްޔިތުންގެ މަޖިލީހުން ކުރާ ކަންތައްތައް އެންމެ ރަނގަޅު ގޮތުގައި ހާސިލް ކުރެވޭނީ ކައުންސިލް ވެސް އަޅުގަނޑުމެންނާ އެއް ވިސްނުމެއްގައި އޮވެގެން،" ރައީށް ވިދާޅުވިއެވެ.

ރައީސް ވަނީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށްޓަކައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ އެއް ވިސްނުމެއްގައި މަސައްކަތް ކުރާނެ ކައުންސިލްތަކެއް އިންތިހާބު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އަދި އިންތިހާބުގެ ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީއަށް ދިނުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް