ގްރޫޕް މާރާމާރީއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި

މާލޭގައި ގްރޫޕް އަކުން މީހަކަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

ދިހަވަރަކަށް މީހުންގެ ގްރޫޕަކުން މާލޭ މަގުމަތީގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އިތުރު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މާރާމާރީ ހިނގާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތް ކުރިމަތީގަ އެވެ. އެ މާރާމާރީގައި ދިހަވަރަކަށް މީހުންގެ ގްރޫޕަކުން ހަމަލަދީފައިވަނީ 19 އަހަރުގެ ޒުވާނަކަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މީގެ ކުރިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެވަނަ މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެ އެވެ. އުމުރުން 24 އަހަރުގެ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 12 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް ޖުމްލަ އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައި ވަނީ މިއަދު ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ މާރާމާރީގެ ވީޑިއޯ އެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. 49 ސިކުންތުގެ އެ ވީޑިއޯ ފެށޭ އިރު، މީހަކު ބުނާ އަޑު އިވެނީ މާލޭގައި ހަރަކާތްތެރިވާ 'ގޭންގް' އެއްގެ ނަން ބުނުމަށްފަހު އެ މީހުން ގޮސް "އެހެން" ތަނެއްގައި އުޅުމަށެވެ. އަދި އެއަށްފަހު މަގުމަތީގައި އިން ޒުވާން ފުރައިގެ ފިރިހެނެއްގެ ގައިގައި 10 ވަރަކަށް މީހުންގެ ގްރޫޕަކުން ފައިންނާއި އަތުން ތަޅައި ހަދައެވެ. އަދި ސައިކަލެއްގައި އައި ދެ މީހަކު ވެސް އެ މީހާގެ ގައިގައި ސައިކަލުން ޖެއްސުމުން އެ ގުރޫޕް އެއްކޮށް ކަހަލަ ގޮތަކަށް އެ މީހާގެ ގަޔަށް ބޮލަށް އަރައިގަނެ އެވެ.

ހަމަލާ ދިން ގުރޫޕު އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ތަނަށް ފުލުހަކު އައުމުންނެވެ. އަދި އެއްފަހު ހަމަލާ އަމާޒުވި ޒުވާނާ ވެސް މަޑުމަޑުން ކޮޅަށް ތެދުވެ ހިނގާލާފައި ދާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.

comment ކޮމެންޓް