ގްރޫޕަކުން އަނެއްކާވެސް މީހަކަށް ހަމާލާދީފި

ގްރޫޕަކުން މިއަދު މާލޭ މަގުމަތީގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ގްރޫޕަކުން މީހަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ މިހާރު އާންމުވެފައި ވާއިރު، ފުލުހުން ވެސް ވަނީ މިއަދު މާލޭގައި މާރާމާރީއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 16:19 ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަށް ޑޮލަރު އޭޓީއެމް ކައިރީގައި ގްރޫޕް މާރާމާރީއެއް ހިންގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި 23 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ހަތް ވަރަކަށް މީހުންގެ ގްރޫޕަކުން މީހަކަށް ހަމަލާދޭ މަންޒަރެވެ. އަދި އޭނާ ބިންމައްޗަށް ވައްޓާލައި އޭނާގެ ގައިގައި ކޮޅުފައިން ޖަހާ ހަމަލާދެއެވެ.

މާރާމާރީ ހިންގަމުން ދަނިކޮށް ޔުނީފޯމުގައި ހުރި ފުލުހަކު އެތަނަށް ގޮސް އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން، އެންމެން ސައިކަލުތަކެއްގައި ފިލާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ފުލުހުން ބުނީ މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިއަދު މާލޭގައި ގްރޫޕަކުން މީހަކަށް ހަމަލާދީފައި ވާއިރު، މިމަހުގެ ނުވަ ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ފޮރިން މިނިސްޓްރީ އިމާރާތް ކުރިމަތީގައި ދިހަވަރަކަށް މީހުންގެ ގްރޫޕަކުން މީހަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.

އެ މާރާމާރީގައި ދިހަވަރަކަށް މީހުންގެ ގްރޫޕަކުން ހަމަލަދީފައިވަނީ 19 އަހަރުގެ ޒުވާނަކަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް ތުހުމަތުކުރެވޭ ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެވަނަ މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެ އެވެ. އުމުރުން 24 އަހަރުގެ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 12 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ޒުވާނާއަށް ހަމަލާ ދިން ގުރޫޕު ވެސް އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ތަނަށް ފުލުހަކު އައުމުންނެވެ.

comment ކޮމެންޓް