ފެނުނީ ދަމަނަވެށީގެ ރަސްމީ ތައްގަނޑު، ވެކްސިން ތައްގަނޑެއް ނޫން!

އައްޑޫ ދަމަނަވެށީގެ ރަސްމީ ތައްގަނޑު. ވަގަށް ނެގި ތައްގަނޑު ފެނުނީ ގދ އަތޮޅުގެ ފަޅު ރަށަކުން -- ފޮޓޯ/ ޕޮލިސް

ގދ. އަތޮޅުގެ ފަޅު ރަށަކުން ފެނިފައިވަނީ އައްޑޫ ސިޓީ ދަމަނަވެށިން ވަގަށް ނެގި ވެކްސިން ތައްގަނޑު ނޫން ކަމަށާއި އެ ރަށުން ފެނިފައި ވަނީ އެ ތައްގަނޑާއެކު ވަގަށް ނެގި ދަމަނަވެށީގެ ރަސްމީ ތައްގަނޑު ކަމަށް ފުލުހުން ބުނެފިއެވެ.

އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވައްކަން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ދަމަނަވެށި ހިންގެވުމާ ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު އިހުތިޝާމް ނަޖީބު އިއްޔެ "ސަން" އަށް ވިދާޅުވީ ދަމަނަވެށިން އޮފީހުގެ ރަސްމީ ލިޔުންތައް ހުރި ސީޕީޔޫ އަކާއި، އޮފީހުގެ ރަސްމީ ތައްގަނޑާއި، ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑާއި ދެ ކީބޯޑާއި މޮނީޓަރަކާއި ކުލަ ޕްރިންޓަރެއްގެ އިތުރުން 1800 ރުފިޔާ އާއި ޓޫލް ކިޓެއް ވަގަށް ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގދ. ކުރިކޭމާހުއްޓާ ކިޔާ ފަޅު ރަށުން ފެނިފައި ވަނީ އައްޑޫ ސިޓީ ދަމަނަވެށިން ގެއްލިފައިވާ އެ އިދާރާގެ ތައްގަނޑު ކަމަށެވެ. ކުރިން ވެކްސިން ތައްގަނޑު ފެނުނު ކަމަށް ރިޕޯޓު ކުރެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ.

އެ އިދާރާގެ ރަސްމީ ތައްގަނޑު ފެނިފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު 10:30 ހާއިރު އެ ރަށަށް ގޮސް އުޅުނު އާންމުންތަކަކަށެވެ. ނަމަވެސް ތައްގަނޑު ފެނުނުކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދުއެވެ.

ތައްގަނޑު ފެނުނުކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ، ތައްގަނޑު ވަގަށް ނަގާފައިވާކަން އިއްޔެ މީޑިއާތަކުގައި އާންމުކުރުމާ ގުޅިގެންނެވެ.

އައްޑޫ ދަމަނަވެށީގެ ރަސްމީ ތައްގަނޑާއި، ވެކްސިން ޖެހިކަން އަންގައިދީ ޖަހާ ތައްގަނޑު ގެއްލިފައި ވާއިރުީ، އެރަށުގައި ވެކްސިން ފުރިހަމަ ނުކުރާ ކުދިން ވައްދާ ސްކޫލެއް ހުންނަ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

އެހެންކަމުން ވެކްސިން ނުދީ، ވެކްސިން ބުކްލެޓް ފުރިހަމަ ކުރިކަމަށް ދައްކަން އެ ތައްގަނޑުތަކުގެ ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެކަމާ ކަންބޮޑުވުން ހުރިކަން ދަމަނަވެށިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް