އެެއްކުލާހެއްގައި ނަތީޖާ ނުނެރެވި 10 އަހަރު ރިޕީޓް ވުމަކީ ތަޖުރިބާއެއްނޫން: ނިޒާރު

ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު --- ސަން ފައިލް ފޮޓޯ

އެެއްކުލާހެއްގައި ނަތީޖާ ނުނެރެވި 10 އަހަރު ރިޕީޓް ވުމަކީ ތަޖުރިބާއެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވާނެކަމަށް ނިޒާރުވަނީ އިއުލާންވެސް ކުރައްވައިފައެވެ.

އައްޑޫ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރު ހުންނަވަނީ އަބްދުﷲ ސޯދިގް (ސޯބެ)އެެވެ. އޭނާ ވަނީ ފާއިތުވި ނުވަ އަހަރު އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ދައުރަށްވެސް މޭޔަރުކަމަށް ސޯބެ ވަނީ ކުރިމަތިލައްވައިފައެވެ.

"އެެއްކުލާހެއްގައި ނަތީޖާ ނުނެރެވި 10 އަހަރު ރިޕީޓް ވުމަކީ ތަޖުރިބާއެއްނޫން. އެއީ ފެއިލް ވުން. ސިޔާސީ ކަންކަން ވެސް މިމިންގަޑުން ކިރާލެވިދާނެ" ނިޒާރުގެ ޓުވީޓުގައިވެއެވެ.

ނިޒާރު "ސަން" އަށް ވިދާޅުވީ މިއީ ވަކި މީހަކަށް އަމާޒުކޮށް ކުރެއްވި ޓުވީޓެއް ނޫން ކަމަށެވެ.

"ގިނަ ދުވަހު މަސައްކަތް ކުރުމުން ތަޖުރިބާ ހުންނާނެޔޭ ވަރަށް ގިނަ މީހުން ބުނޭ. އެހެން ނަމަވެސް އޭގެން ނަތީޖާ ނުނެރެވެންޏާ އެއް ކްލާހުގައި 10 އަހަރު ރިޕީޓް ވުމެކޭ އެއްްވަރު. މިއީ އެއްގޮތަކަށްވެސް ބަލައިގަނެވެނޭކަމެއް ނޫން،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރާއި ސޯބެ އިތުރުން ދެން އައްޑޫ ސިޓީގެ މޭޔަރުކަމަށް ފޭދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަހްމަދު އަދުހަމް ވާދަކުރައްވައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީއަށް މޭޔަރު ނުލާ 12 ދާއިރާއަކުން 12 ކައުންސިލަރުން ހޮވަން ޖެހޭނެއެވެ. މޭޔަރު އިންތިހާބުކުރަން ޖެހޭނީ މުޅި ސިޓީގެ ވޯޓަކުންނެވެ.

comment ކޮމެންޓް