ހިމަބިހީގެ ތިން ކޭހާއެކު ހަފްތާރެސް ކެންސަލް

ހަފްތާ ރެސް ހަރަކާތް ފެށުމަށް ބޭއްވި އިވެންޓް -- ފައިލް ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ހިމަބިހީގެ ތިން ކެހެއް ފެނިފައިވާތީ، މިހަފްތާ ބާއްވަން ނިންމާފައިވާ ހަފްތާ ރެސް ކެންސަލް ކޮށްފި އެވެ.

ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ މި ހަފްތާ ބަންދުގައި ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ ހަފްތާ ރެސް އިވެންޓް، ހިމަބިހީގެ ކޭސްތައް ފެނުމާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ.

ހަފްތާރެސް އަކީ ހަފްތާ ބަންދަށް ހާއްސަ މާރުކޭޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކު ބާއްވާ ހަރަކާތެކެވެ.

ހިމަބިހި ރާއްޖެއިން ނައްތާލާފައިވަނިކޮށް އެ ބަލި އަނެއްކާވެސް ފެނިފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. އެބައްޔަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ތިން އަހަރުގެ ކުއްޖެެއްގެ ގައިންނެވެ. އެ ކުއްޖާއަށް ބަލި ޖެހުނީ ކިހިނެއްތޯ ދެނެގަތުމަށް ޖެނެޓިކް ޓެސްޓުތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އުމުރުން 30 އަހަރުގެ މީހެއްގެ ގައިން ހމަބިހި ފެނިފައިވާކަން އިއްޔެ ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ބައްޔަށް ޝައްކު ނުވި ނަމަވެސް ހުން އައިސްގެން ޑޮކްޓަރަށް ދެއްކި 10 މީހެއްގެ ޓެސްޓް ހެދިއިރު އޭގެ ތެރެއިން އެކަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

ހިމަބިއްސަކީ ގައިންގަޔަށް އަރާ، ފަސޭހައިން ފެތުރޭ ބައްޔެކެވެ. އެބަލީގެ ސަބަބުން ލޮލުން ފެން އައުމާއި ގަދަޔަށް ހުންއައިސް ގައިގައި ބިހި ނެގުން ފަދަ ކަންތައް ދިމާވެ އެވެ.

ބަލިން ރައްކާތެރިވުމަށް މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަންޖެހެ އެވެ.

comment ކޮމެންޓް