ޔުކްރޭންގެ ބޯޓު ވެއްޓުނު މައްސަލާގައި އީރާނުން އެތައް ބަޔަކު ހައްޔަރުކޮށްފި

އީރާނުން އޮޅިގެން ވައްޓާލި ބޯޓުގެ ބައިތަކެއް---

އީރާންއިން އޮޅިގެން ދިން ހަމަލާއެއްގައި ވެއްޓުނު ޔުކްރޭންގެ މަތިންދާބޯޓުގެ މައްސަލާގައި އެތައް ބަޔަކު ހައްޔަރުކޮށްފި އެވެ.

އީރާނުގެ ވެރިރަށް ތެހެރާންއިން ނައްޓާލި ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންގެ މަތިންދާބޯޓް ވެއްޓުނީ މިދިޔަ ބުދަދުވަހު އެވެ. އެ ހާދިސާގައި އޭގެން ދަތުރުކުރި 176 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 146 އީރާންގެ މީހުންނާއި 10 އަފްގާނިސްތާނުގެ މީހުންނާއި 11 ޔުކްރޭންގެ މީހުންގެ އިތުރުން ކެނެޑާ ފަސް މީހަކާއި ހަތަރު ސްވިޑަން މީހަކު ހިމެނެ އެވެ.

ބޯޓު ވެއްޓުނީ އީރާންއިން ދިން ހަމަލާއެއްގައި ކަަމަށް ފުރަތަމަ އެއްބަސްނުވިޔަސް އެންމެ ފަހުން ވަނީ އެއީ އޮޅިގެން ދިން ހަމަލާއެއް ކަަމަށް ބުނެ ޒިންމާ ނަގައިފަ އެވެ.

އިރާންގެ ޖުޑީޝިއަރީގެ ތަރުޖަމާނު ގުލާމް ހުސައިން ސުލައިމާނީ ވިދާޅުވީ އެ މައްސަލާގައި އެންމެ މީހެއްގެ ބޮލުގައި ހުރިހާ ކަމެއް ނާޅުވާނެ ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އެކަމުގެ ޒިންމާ ނަގައިފައި. ދެން އެފަދަ ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ.

ބޯޓު ވައްޓާލިކަމަށް އީރާންއިން އެއްބަސްވުމުން އީރާންގެ ރައްޔިތުން ވަނީ ވަރުގަދަ މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ.

އީރާންއިން މިހާރު ވަނީ ވެއްޓުނު ބޯޓުގެ ކަޅުފޮށި ވެސް ހޯދައިފަ އެވެ. އެ ހާދިސާ ތަހުގީގްކުރުމަަށް ޔުކްރޭންގެ ޓީމެއް މިހާރު ވަނީ އީރާންއަށް ގޮސްފަ އެވެ.

އެ ބޯޓް ވެއްޓުނު އިރު އެމެރިކާއާ އީރާނާ ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެ ހަމަލާ ދޭންވެސް ފަށައިފަ އެވެ. އެ ބޯޓު ވެއްޓުނީ އީރާންއިން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާ ދިންތާ ހަތަރު ގަޑިއިރު ފަހުންނެވެ.

ބީބީސީ

comment ކޮމެންޓް