ހިމަބިއްސަށް 10 މީހަކު ޓެސްޓު ކުރިއިރު، އެކަކަށް ބަލި ޖެހިފައި

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި އަލުން ފެންނަން ފަށާފައިވާއިރު އެ ބައްޔަށް ޝައްކު ކުރެވިގެން 10 މީހަކު ޓެސްޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް މިނިސްޓްރިއިން މިއަދު ބުނެފި އެވެ.

މިހާތަނަށް އެ ބަލި ފެނިފައިވަނީ ދެ މީހެއްގެ ގައިން އެވެ. މިއަދުގެ ކޭސްއާ އެކު މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު ތިނަކަށް މި ވަނީ އަރައިފަ އެވެ.

ހިމަބިހީގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމަތު ނޫސްވެރިންނާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވީ، ހުންއައުމާއި ހުމުގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރަށް ޓެސްޓު ކުރަމުންދާ ކަމަށެވެ. އޭގެ ބޭނުމަކީ، ޝައްކު ކުރެވޭ އަލާމާތްތައް ހުންނަ މީހުންގެ ހަށިގަނޑުގައި އެ ބަލީގެ އެއްވެސް އަސަރެއް ހުރިކަން ޔަގީން ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެގޮތުން މިހާރު 10 ވަރަކަށް ފަރާތުގެ ޓެސްޓު ކުރަމުން މިދަނީ. އެއީ ހުމާ، ދެންހުރި އަލާމާތްތަކަށް ބަލާފައި، ހިމަ ބިއްސަށް ޝައްކު ނުކުރެވުނު ނަމަވެސް އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށް ޓެސްޓު ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ފަހުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޓެސްޓް ކުރި 10 މީހުންގެ ތެރެއިން އެކަކަށް ހިމަބިހި ޖެހިފައިވާކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ. ދެން ތިބި މީހުން ވަނީ ނެގެޓިވްވެފަ އެވެ.

މިފަހުން ހިމަބިހި އެންމެ ފުރަތަމަ ފެނުނީ ހުޅުމާލެއިންނެވެ. ބަލި ފެނުނު އުރުމުން ތިން އަހަރުގެ ކުއްޖާ ދިރިއުޅުނު ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ވެކްސިން ދޭންޖެހޭ މީހުންނަށް ވެކްސިން ދިނުމަށް އިއްޔެ ވަނީ ޕްރޮގްރާމެއް ފަށައިފަ އެވެ. މިއަދުވެސް އެ ޕްރޮގްރާމު ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

"އެފަރާތްތަކުގެ ގޭގެއަށް ގޮސް، ވެކްސިނޭޝަންގެ ސްޓޭޓަސް ބަލައި، އެފަރާތްތަކަށް ވެކްސިން ދިނުމަށް އިއްޔެ ވަނީ ފަށާފައި. އެ މަސައްކަތް މިއަދު ވެސް ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ހިމަބިހީގެ ދެވަނަ ކޭހާ ގުޅިގެން މާލޭގެ ސަރަހައްދެއްގައި އުޅޭ މީހުންގެ ސްޓޭޓަސް ބަލައި އެމީހުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ބަލި އިތުރުވެގެންދާނަމަ، އެމީހަކަށް ފަރުވާ ދިނުމުގެ ކުރިން އޭނާގެ ކަންތައްތައް ބަލާނެ ވަކި ތަނެއް ހާއްސަކޮށް، އެ މަސައްކަތް މިރޭ ފަށާނެ ކަމަށެވެ.

ހިމަބިހި ޖެހުނު ތިން އަހަރުގެ ކުއްޖާއަށް ބަލި ޖެހުނީ ކިހިނެއްތޯ ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް