ދެލައްކަ މީހުންނަށް ދެވޭ ވަރަށް ހިމަބިހީގެ ވެކްސިން ގެނެސް ކެމްޕޭނެއް ފަށަނީ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން -- ސަން ފޮޓޯ // ފަޔާޒު މޫސާ

ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ރާއްޖެއަށް ހިމަބިހީގެ ވެކްސިން ގެނެސް، ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަން ހެލްތު މިނިސްޓްރީ އިން ތައްޔާރުވެއްޖެ އެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ޖެހިފައިވާ ދެމީހުން ރާއްޖެއިން ފެނުމާ ގުޅިގެން، ބަލީގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގައި މިހާރު ހިމަބިހީގެ ވެކްސިން ހުރި މިންވަރަށް ބަލާއިރު އާދަޔާ ހިލާފަށް ބަލި ފެތުރިގެން ނުދާ ހާލަތުގައި ވެކްސިން ދެވޭ މިންވަރަށް ވެކްސިން އެބަހުރި ކަމަށެވެ.

"މިހާރު ބައިނަލްއަގުވާމީ ފަރާތްތަކާ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެކެވި، މިވަގުތުން މިވަގުތަށް އަޅުގަނޑުމެންނަށް ދެ ލައްކަ މީހުންނަށް ވެކްސިން ދެވޭވަރަށް ވެކްސިން ލިބެނެގޮތް ހަމަޖެފައި މިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "ވެކްސިން ރާއްޖެ އާއި ހަމައަށް ގެނައުމަށް ނަގާނީ 10 ވަރަކަށް ދުވަސް ކަމަށް މައުލޫމާތު ލިބެނީ. މި ވެކްސިން، ހިމަބިހި ކޮންޓްރޯލުވެގެން ދިޔަ ނަމަވެސް ވެކްސިން ޕްރޮގްރާމު ކުރިއަށް އޮތް ތިން މަހަށް ކުރިއަށް ގެންދާނަން،"

މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމުގެ ތެރެއިން ވެކްސިން ޖަހަންޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވުނުތޯ ކަށަވަރު ކުރާނެ ކަމަށެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކޮށް ތިބި މީހުންނަށް ދެވަނަ ޑޯޒް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މިފަހަރު ވެކްސިން ދިނުމުގެ ކަންތައް ކުރިއަށްގެންދާނީ ވެކްސިން ދެވޭ މީހުންގެ މައުލޫމާތާއެކު ޑޭޓާބޭސްއެއް ހަދައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ތިބި މީހުންގެ ތެރެއިން ވެކްސިން ނުޖަހާ ތިބި މީހުންގެ މައުލޫމާތު މާދަމާގެ ނިޔަލަށް އެއްކުރެވޭނެ ކަމަށެވެ. އަދި ވެކްސިން ނުދޭ މީހުންގެ މައުލޫމާތު އެއްކުރެވުމާ އެކު، އެފަދަ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް