ވަޑިއަކު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެ

މ. މުލައް ---

މ. މުލަކުގައި ވަޑާމުގައި މަސައްކަތް ކުރާ ތަނެއްގައި ވަޑިއަކު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެ ހާދިސާގައި މަރުވެފައިވަނީ 44 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުލަކުގައި ވަޑާމުގެ މަސައްކަތް ކުރާ ތަނެއްގައި މީހަކު ވެއްޓިފައި އޮއްވާ ފެނިގެން މިއަދުގެ ހެނދުނު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން އެގެއަށް ގޮސް ވެއްޓިފައި އޮތް މީހާ މުލަކުގެ ސިއްހީ މަރުކަޒަށް ފަހުން ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އެ މީހާގެ ވާތް ފަރާތު މޭމަތިން ވަރަށް ފުންކޮށް ގާތްގަނޑަކަށް ނުވަ އިންޗިއެއްހާތަން ކަފައިގެން ގޮސްފައިވާ ކަމަށާއި އަދި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެމީހާ ވެއްޓިފައި އޮތް އިރު ކަރަންޓް ކީސް ޖައްސާފައި ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައްތައް މިހާރު ދަނީ ބަލަމުންނެވެ.

comment ކޮމެންޓް