ކަނޑުފަޅު ހިމާޔަތްކުރުމާއި ނަފާ ހޯދުމުގައި ކައުންސިލުތަކުގެ ދައުރު ބޮޑު: ރައީސް

ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާއާ ބެހޭ ގޮތުން ނޭކުރެންދޫގައި ބޭއްވި އިވެންޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ކަނޑު ފަޅުތަކާއި ފަރުތަކާއި އަދި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި އެކަންކަމުން ނަފާ ހޯދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ ލޯކަލް ކައުންސިލުތަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނުގެ ފަރާތުން ފަށާފައިވާ ރާއްޖޭގެ ކަނޑުތަކާއި ކަނޑުއަޑީގެ ދިރުންތަކުގެ ސައިންޓިފިކް ދިރާސާގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހދ. ނޭކުރެންދޫއަށް ވަޑައިގެން، އެރަށުގައި ވާހަކަދައްކަވަމުން ވިދާޅުވީ މިއީ ރާއްޖޭގެ ކަނޑުއަޑީގެ "ބޯހިމެނުމުގެ މަސައްކަތެއް" ކަމަށެވެ.

"އެއްކަމަކަށް ކަނޑުތަކުގައި އުޅޭ މަސްމަހާމެއްސާއި ތަކެތީގެ ސްޓޮކެއް އެބަ ނަގާ. އަދި މިތަކެއްޗަށް ގެއްލުން ލިބެނީ ކޮންކަހަލަ ކަންކަމެއް މެދުވެރިވެގެންތޯ ބަލައި ހޯދާ. ޖުމްލަ ގޮތެއްގައި މިއީ ކަނޑުތަކުގެ ބޯހިމެނުމުގެ މަސައްކަތެއް،" ރައީސް ވިދާޅުވި އެވެ.

މަސައްކަތުގެ ދެވަނަ ބަޔަކީ ދިރާސާއިން ލިބޭ މައުލޫމާތުގެ އަލީގައި ކަނޑުފަޅުތަކާއި ފަރުތަކާއި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރުމަށް ތައްޔާރުކުރަންޖެހޭ ސިޔާސަތުތައް ކަނޑައަޅައި އެކުލަވާލުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ބައެއް ސަރަހައްދުތަކާއި ބައެއް ދިރުންތައްވެސް ހިމާޔަތްކުރެވިފައިވާ ކަމަށާއި، ނަމަވެސް އެހިސާބަކުން މަސައްކަތް ނުނިމޭ ކަމަށެވެ.

https://sun.mv/129978

"މިރަށުގެ ކުޅި ވަނީ ހިމާޔަތްކުރެވިފައި. ކޭލަކުނު ވަނީ ހިމާޔަތްކުރެވިފައި. ނަމަވެސް އޭގެ ފައިދާ ހޯދޭނީ ކިހިނެއްތޯ ހޯދައި ދެނެގަންނަންޖެހޭ. މި ރިސާޗުގެ އަލީގައި އެކުލަވާލެވޭ ސިޔާސަތުގެ ދަށުން [މިތަންތަނުން] ލިބެން އޮތް އެންމެ ރަނގަޅު ފައިދާއެއް ހޯދޭނެ ގޮތް އެކުލަވާލެވިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި އަހަރު ފެށިގެން މި ދިޔައީ ހިންގުމުގެ ނިޒާމުގެ ބޮޑު ބަދަލަކާއެކު ކަމަށާއި، ރަށްރަށުގެ ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލެވިފައިވާ ކަމަށެވެ. އަދި މިއާއެކު ރަށު ކައުންސިލުތަކުގެ އިހުތިސޯސްވެސް ކަނޑައެޅިގެން ދާ އިރު، އެތަންތަން ހިމާޔަތްކުރުމުގެ އެންމެ މުހިންމު ދައުރު އަދާކުރައްވާނީ ކައުންސިލަރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން ކުރާނެ ގޮތެއްގެ ސިޔާސަތުތަކެއް އެބަޖެހޭ ކަނޑައަޅަން. މިރަށުގެ ފަޅާއި މިރަށުގެ ގޮނޑުދޮށާއި އަދި ވަށައިގެންހުރި ދިރުންތަކަކީ ކޮބާތޯ ބަލައި އެ ހިމާޔަތްކުރެވޭނެ ގޮތްތައް މި ރިސާޗުގެ އަލީގައި ހޯދުމަށްފަހުގައި، އެ މަސައްކަތުގެ ބޮޑު ދައުރު އަދާކުރަންޖެހޭނީ ތިބޭފުޅުން [ކައުންސިލަރުން]. މަންފާއާއި ނަފާ ހޯދޭނެ ގޮތްތައް، އަމަލީ ގޮތުން އެ މަސައްކަތް ކުރަން ތިއްބަވާނީ ތިބޭފުޅުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު އެމަނިކުފާނު ވަނީ ނޭކުރެންދޫ ކައުންސިލުގެ އިތުރުން އެކި ދާއިރާތަކުން އެ ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވާފައި ކަމަށާއި، ރަށުގެ ތަރައްގީއާއި ކުރިއެރުވުމަށް އެ ބޭފުޅުން އަދާކުރަންޖެހޭ ދައުރު ބޮޑުކަމުގެ ވާހަކަތައް ދައްކަވާފައިވާނެ ކަމަށެވެ.

ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނާ ގުޅިގެން ހިންގާ ރިސާޗުގެ މަސައްކަތް 26 ދުވަހުގެ މުއްދަތަކަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ދާނެ އެވެ. މިއީ މިދިޔަ އަހަރު އޮތް އދ.ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވި އިރު، ރާއްޖޭގައި ނޫ އިގްތިސާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ، މި ސިޔާސަތަށް ބޭނުންވާ މެރިން ސްޕޭޝަލް ޕްލޭންއެއް އެކުލަވާލުމަށް ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު