ކަރަންޓްދީ އެއާޕޯޓް އާންމު ހާލަތަކަށް ގެނެސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިފައި އޮންނަތާ ގިނަ އިރުތަކެއް ފަހުން އެއާޕޯޓަށް އަލުން ކަރަންޓު ދީފި އެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. އަދި ކަރަންޓު ކެނޑުނު ވަގުތު ބެކްއަޕް ބޭނުންކޮށްގެން ކްރިޓިކަލް ސަރަހައްދުތަކަށް ކަރަންޓު ދިން ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ވަނީ އެއާޕޯޓުން ކަރަންޓު ކެނޑުމުން ދިމާވި ދަތިތަކަށް ފަސިންޖަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ވީއައިއޭ އިން ކަރަންޓު ކެނޑުނުއިރު ގިނަ އަދަދެއްގެ ބަޔަކު ފުރަންގޮސް ތިއްބެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ޗެކްއިން މެދުކެނޑުނުއިރު އޭސީތަކުން ފެންފައިބަމުން ދިޔަކަށް އެއާޕޯޓުގައި ތިބި މީހުން ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ހައި ސީޒަނަށް ވާއިރު މިއީ އެއާޕޯޓަށް ބާރު ބޮޑު ދުވަސްވަރެކެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ބާރުބޮޑު ވަގުތެއްގައި އެއާޕޯޓުން ވަނީ ކަރަންޓު ކެނޑިފައެވެ. ނަމަވެސް އެފަހަރު ބެކްއަޕް ސިސްޓަމް ބޭނުންކޮށްގެން ކަރަންޓު ދީފައިވާކަމަށާއި އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް