ލީބިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރަން ޖެނެރަލް ހަފްތަރު ދެކޮޅު ހައްދަވައިފި

ލިބިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ޓްރިޕޮލީ (14 ޖަނަވަރީ 2020) : ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެގައުމުގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރު ދެކޮޅު ހައްދަވައިފި އެވެ.

ހަފްތަރުވަނީ މިއެއްބަސްވުމުގައި ސޮއިކުރުމަށް މޮސްކޯއަށް ވަޑައިގެން ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާ ބައްދަލުކުރެއްވުމަށް ފަހު އޭގައި ސޮއިނުކުރައްވައި މޮސްކޯއިން ފުޜާވަޑައިގެންފަ އެވެ. ނަމަވެސް ބައިނަލްއަގްވާމީ އިޢްތިރާފް އޮންނަ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ޑރ. ފާއިޒް އައްސައްރާޖް ވަނީ މޮސްކޯއަށް ވަޑައިގެން ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާ ބައްދަލުކުރެއްވުމަށް ފަހު އެ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. މޮސްކޯގައި ބޭއްވި މިރަސްމިއްޔާތުގައި ރަޝިއާއާއި ތުރުކީގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ލީބިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް މިހާރު މަސައްކަތް ކުރަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން އާއި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ގުޅިވަޑައިގެންނެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޖެނެރަލް ހަފްތަރުގެ ބާރުތަކުންނާއި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ވަނީ ހަމަލާތައް ހުއްޓާލިކަން އިއްލާންކޮށް އެކަން ތަންފީޒުކުރަން ފަށައިފަ އެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަފްތަރު ދެކޮޅު ހެއްދެވުމުން ލީބިޔާގައި ހަމަލާތައް ބަދަލުކުރުން އަލުން ފެށިދާނެކަމުގެ ބިރުވަނީ ހީވެފަ އެވެ.

ދެ ދުޝްމަނުން ކަމަށްވާ ހަފްތަރާއި ސައްރާޖް މޮސްކޯގައި ރަޝިޔާގެ ބެލުމުގެ ދަށުން ބައްދަލުކުރައްވައި ސަލާމް ކުރައްވަނީ

ލީބިޔާގައި މިހާރު ހަނގުރާމަ ހިނގަމުންދަނީ ވެރިރަށް ޓްރިޕޮލީ ހިފުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކާއި ވެރިރަށް ޓްރިޕޮލީގައި މަރުކަޒު ހުންނަ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބާރުތަކާ ދެމެދު އެވެ. މި ހަނގުރާމަ އަށް ހައްލެއް ނުލިބި ދިގުލައިގެން ހިނގައްޖެ ނަމަ ސޫރިޔާއާއި ޔަމަނަށް ވެފައިވާގޮތް ލީބިޔާއަށް ވެދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ލީބިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރަން ޖެނެރަލް ހަފްތަރު ދެކޮޅު ހެއްދެވީ އޭނާއަށް ވާގިވެރިވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން އެކަންކުރަން ބޭނުންނުޥާތީ ކަމަށް މުހައްލިލުން ދެކެ އެވެ. ޔޫއޭއީ އަކީ އަރަބި ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ވަދެ އެގައުމުތައް ގަޑުބަޑުކޮށް އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ޔޫއޭއީ ބޭނުންވާގޮތަށް ބައްޓަން ކުރުމުގެ ހަރުކަށި ސިޔާސަތެއް މިފަހަކަށް އައިސް ގެންގުޅެން ފަށާފައިވާ ގައުމެކެވެ.

ލީބިޔާގެ ހަނގުރާމައިގެ ތެރެއަށް ހަފްތަރު މެދުވެރިކޮށް ޔޫއޭއީ ވަދެފައިވާއިރު ޔޫއޭއީ ވަނީ ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވެސް ސައޫދީ އާއެކު ވަދެފަ އެވެ. ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވެސް ފުރަތަމަ ކޮޅު ޔޫއޭއީ ވަނެވެ. ނަމަވެސް ފަހުން ޔޫއޭއީ އަށް ވަނީ ތުރުކީއާއި އީރާނުގެ ސަބަބުން ސޫރިއާގެ ހަނގުރާމައިގެ ކޮންޓްރޯލް ގެއްލިގެން ގޮސްފަ އެވެ.

ހަފްތަރަށް ވާގިވެރިވުމުގެ ގޮތުން ޔޫއޭއީ ން މިދިޔަ ހަފްތާގައި ލީބިޔާގެ އަސްކަރީ އެކަޑެމީ އަކަށް ޑްރޯންއަކުން ޙަމަލާދީ އެތަނުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 28 ދަރިވަރުން މަރާލުމުން ޔޫއޭއީ އާ މެދު ލީބިޔާގެ އާންމުންގެ މެދުގައި ވަނީ ވަރަށްބޮޑު ނަފްރަތެއް އުފެދިފަ އެވެ. ލީބިޔާގެ އާންމުން ބުނާ ގޮތުން 1911 ވަނަ އަހަރު އިޓަލީން އެގައުމު އިސްތިއްމާރު ކުރުމާއެކު އިޓަލީން ސިފައިން ލީބިޔާ ރައްޔިތުންނަށް ކުރި އަނިޔާތަކަށް ފަހު ދެން ބޭރު ގައުމެއްގެ ފަރާތުން ލީބިޔާގެ ރައްޔިތުން އެންމެ ގިނަ އިން މަރާފައި ވަނީ ޔޫއޭއީ އިންނެވެ. ޔޫއޭއީގެ އިތުރުން މިސްރަކީ ވެސް ޖެނެރަލް ހަފްތަރަށް ވާގިވެރިވާ ގައުމެކެވެ. (އަލްޖަޒީރާ)

comment ކޮމެންޓް