މިނިމަމް ވޭޖް ކަނޑައަޅާއިރު ސާވިސް ޗާޖުގެ މައްސަލަ ހައްލު ވާނެ: ނަޝީދު

ބޮޑު ތިލަދުންމައްޗަށް އެމްޑީޕީން މިހާރު ކުރަމުން ގެންދާ ދަތުރުގައި މިއަދު ހަވީރު ބާރަށަށް ވަޑައިގަތް އެ ރަށު ރައްޔިތުންނާ މުހާތަބްކޮށް ނަޝީދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅާއިރު ސާވިސް ޗާޖުގެ މައްސަލައަށް ވެސް ހައްލު ލިބިގެން ދާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެމްޕެއިން ކުރުމަށް އެމްޑީޕީން ބޮޑު ތިލަދުންމައްޗަށް ކުރަމުން ގެންދާ ދަތުރުގައި މިއަދު ހއ. ބާރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މި އަހަރު ކުރުމަށް ކަނޑައަޅާފައި ހުރި ކަންކަމުގެ ތެރެއިން ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެއީ މަޖިލިސް މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މިނިމަމް ވޭޖު ކަނޑައެޅިގެން ދާއިރު ސާވިސް ޗާޖުގެ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަން ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ، ބައެއް ރިސޯޓްތައް ހިންގާ ފަރާތްތަކުން ސާވިސް ޗާޖު ދިނުމުގައި ބޭއިންސާފުން އަމަލު ކުރަމުންދާ ކަމަށެވެ.

ބޮޑު ތިލަދުންމައްޗަށް އެމްޑީޕީން މިހާރު ކުރަމުން ގެންދާ ދަތުރުގައި މިއަދު ހަވީރު ބާރަށަށް ވަޑައިގަތް އެ ރަށު ރައްޔިތުންނާ މުހާތަބްކޮށް ނަޝީދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ

"އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި މި މަސައްކަތް އެބަ ކުރާން ޖެހޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މި އޮތް ދެ ތިން މަހެއްގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ތެރޭގައި އެ މަސައްކަތް ވެސް ހިމެނިގެން ދާނެ،"

ސާވިސް ޗާޖުގެ މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަކީ އެމްޑީޕީން ވައުދު ވެފައިވާ ކަމެއް ނޫން ނަމަވެސް އެމައްސަލައަށް ކޮންމެހެން ވެސް ގާނޫނީ ހައްލެއް ބޭނުންވާ ކަން ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.

ސާވިސްޗާޖުގެ ގޮތުގައި "ހައްގު މިންވަރު" ނުލިބުމަކީ ރިސޯޓް މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުގައި ދޭ ހިދުމަތުގެ އަގުގެ ބޭރުން ސާވިސް ޗާޖުގެ ގޮތުގައި ވަކި އަދަދެއް ކަސްޓަމަރުގެ އަތުން ނެގިދާނެ އެވެ. އަދި ސާވިސް ޗާޖްގެ ގޮތުގައި ނަގާ ފައިސާގެ އެއް ޕަސެންޓް އިދާރީ ކަންކަމަށް އުނިކުރުމަށް ފަހު، އެ ފައިސާގެ ބާކީ 99 ޕަސެންޓް މުވައްޒަފުންގެ މެދުގައި ބެހުން ލާޒިމެވެ. އަދި ނިމޭ މަހު ސާވިސް ޗާޖަށް ލިބުނު ފައިސާ ޖެހިގެން އަންނަ މަސް ފެށުމާ އެކު މުވައްޒަފުންގެ މެދުގައި ބަހަން ވެސް ގާނޫނުގައި އޮންނަނީ ލާޒިމްކޮށްފަ އެވެ.

comment ކޮމެންޓް