ދިރާގުން "އީ-ސިމް" ގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުވުމަށް އިތުރު ބާރަކަށްވެ، މޯބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯޓްކުރާ ފޯނުތަކުގައި، އާދައިގެ ސިމް އަކާއެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެ އެވެ. މިއީ އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެވޭނެ ލުއި ފަސޭހަ ހިދުމަތެކެވެ.
އީ-ސިމްގައި އަށް ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެ އެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ހިދުމަތަކެވެ.
ދިރާގު އީ-ސިމް އެކްޓިވޭޓް ކުރުމަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އީ-ސިމްގެ ހިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފޯނުތަކުގައްޔެވެ. އެގޮތުން އީސިމް ސަޕޯޓުކުތާ ސްމާރޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯޓް ކުރާނެކަމަށް ދިރާގުން ބުންޏެވެ.
އެގޮތުން އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް ގެ އިތުރުން ގޫގުލް ޕިކްސެލް 3 އިން ފެށިގެން ފަހުގެ ފޯނުތަކުގައި ދިރާގު އީ-ސިމް ބޭނުން ކުރެވޭނެ އެވެ.
ދިރާގަކީ އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.