އެކްސޯގެ ޗެން ކައިވެނި ކުރަނީ

ދުނިޔޭގެ މިހާރުގެ އެންމެ މަގުބޫލު ޕޮޕް ބޭންޑުތަކުގެ ތެރޭގައި ހިމެނޭ "އެކްސޯ"ގެ ލަވަކިޔުންތެރިޔާ ޗެން، ކައިވެނިކުރަން ތައްޔާރުވެއްޖެ އެވެ.

އެކްސޯގެ ރިކޯޑް ލޭބަލް ކަމަށްވާ އެސްއެމް އެންޓަޓެއިންމެންޓް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޗެން ކައިވެނި ކުރަން އުޅޭ ކަމަށެވެ.

ޗެން ކައިވެނިކުރަން އުޅެނީ ސެލެބްރިޓީއަކާ ނޫން ކަމަށާއި އެ ކައިވެންޏަކީ ވަރަށް ޕްރައިވެޓް އިވެންޓެއް ކަމަށްވެސް އެސްއެމް އެންޓަޓެއިންމެންޓް އިން ވަނީ ބުނެފަ އެވެ.

އެސްއެމް އިން ބުނީ ދެމީހުންގެ ކައިވެނި ހަފްލާގައި ބައިވެރި ވާނީ އާއިލާއާއި އެކުވެރިން އެކަނި ކަމަށެވެ.

ޗެން އާއި އޭނާގެ ލޯބިވެރިޔާ ކައިވެނިކުރަން އުޅޭއިރު އޭނާ ހުރީ ބަނޑުބޮޑުވެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޗެން އަށް ދަރިއެއް ލިބެން އުޅޭތީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ދެކުނު ކޮރެއާގެ ބައެށް ނޫސްތަކުން މައުލޫމާތު ދެއެވެ.

ޗެން އާއި އޭނާ ލޯބިވެރިޔާ ފުރަތަމަ ދިމާވީ މީގެ ދެ އަހަރު ކުރީން ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. ނަމަވެސް އެކަމާ ގުޅޭ މާ ގިނަ ވާހަކަތަކެއް ޗެން އާންމުކޮށްފައެއް ނުވެއެވެ.

އެސްއެމް އިން ބުނަނީ ވަރަށް އަވަހަށް ދެމީހުން ކައިވެނި ކުރާނެ ކަމަށެވެ. އެހެންނަމަވެސް ދެމީހުން ކައިވެނިކުރާނެ ވަކި ތާރީހެއް އާންމުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް