ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެކްސިން ދިނުން ލާޒިމްކުރަނީ

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކާއި ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ދޭންޖެހޭ ވެކްސިން ދީފައިވާ ބަޔަކަށް ހެދުން ލާޒިމް ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ނައްތާލެވުނުކަން އިއުލާނުކޮށްފައިވާ ހިމަބިހީގެ ދެ ކޭހެއް ރާއްޖެއިން ފެނިފައިވާއިރު ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަދި މަސައްކަތްކުރުމަށް ރާއްޖެ އަންނަ ބިދޭސިންނަށް ވެކްސިން ދިނުމުގެ ކަންތައްތަކަށް އުސޫލީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާތަނަށް އައިއިރު އެވާހަކަތައް ދެކެވި އެހެންނަމަވެސް ހިމަބިހީގެ މައްސަލަ ފެންމަތިވީމާ މިކަމަށް އިތުރު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނެ. މިހާރު އޮތް ނިޒާމުގެ ތެރެއިން ބިދޭސީންނަށް ވެސް ވެކްސިން ދެވޭނެ. އަޅުގަނޑުމެން ލާޒިމްކުރަން ބޭނުންވޭ ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މީހަކީވެސް ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކާ އަދި ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ދޭންޖެހޭ ވެކްސިން ދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންނަށް ވެކްސިން ދިނުން ލާޒިމް ކުރުމަށް ވިސާ ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް މިވަގުތަށް އަޅުގަނޑުމެންގެ އަސާސީ އަމާޒު މިހުރީ މިހާރު މި ކުރިމަތިވާ މައްސަލަ އާދަޔާ ހިލާފަށް ބޮޑުވުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަން،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކި ގިނަ ބަޔަކު ޒިޔާރަތްކުރާ އަދި ގިނަ އަދަދެއްގެ ގައުމުތަކަށް ޒިޔާރަތް ކުރާ މީހުން އުޅޭ ގައުމަކަށް ވާއިރު ރާއްޖެއިން ނައްތާލެވިފައިވާ އަދި ނައްތާލުމުގެ މަގުމަތީގައިވާ ބަލިތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތައް ބަލައިގަތުން މުހިންމު ކަމަށެވެ.

"ބިދޭސީންގެ ކަންތަކަކީ އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަމެއް. އެކަމަށްޓަކާ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް މިހާރު އެބަ ކުރިއަށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ހިމަބިހި ފެތުރިދާނެ ކަމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް ސިއްހީ ހިދުމަތްދޭ ތަންތަނުން އަޅާފައިވާ ކަން ހެލްތު މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ރާއްޖެއިން ހިމަބިހީގެ ދެ ކޭސް އަކާއި ބައްޔަށް ޝައްކު ކުރެވޭ ކޭހެއް ފެނުމާ ގުޅިގެން، ރާއްޖޭގައި ހިމަބިހި ފެތުރޭކަން ހެލްތު މިނިސްޓްރީން މިއަދު ވަނީ އިއުލާނު ކޮށްފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސް އެއް ވަނީ ފެނިފައެވެ. އެންމެ ފުރަތަމަ ހިމަބިހި ޖެހިގެން ފަރުވާ ދިނީ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ. އަދި ހިމަބިހި ޖެހިގެން 30 އަހަރުގެ ފިރިހެނަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އޭގެ އިތުރުން ބައްޔަށް ޝައްކު ކުރެވޭ އިތުރު މީހަކު ވެސް މިހާރު ފެނިފައި ވާއިރު، އޭނާގެ ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.

comment ކޮމެންޓް