ވެކްސިން ފުރިހަމަނުކޮށް ސަރުކާރު ސްކޫލަކަށް ނުވަދެވޭނެ: މިނިސްޓަރު

ސްކޫލަށް ވަނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް، ސަރުކާރު ސްކޫލަކަށް ނުވަދެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހިމަބިހި ފެތުރޭކަން އިއުލާނުކުރުމަށާއި އެކަން ކޮންޓްރޯލްކުރުމަށް މިނިސްޓްރީން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވެކްސިންތައް ފުރިހަމަ ނުކޮށް، އަމިއްލަ ފަރާތްތަކުން ހިންގާ ބައެއް ސްކޫލުތަކަށް ކުދިން ވައްދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ސަރުކާރު އެއްވެސް ސްކޫލަކަށް، ސަރުކާރުން ތައުލީމުދޭ އެއްވެސް ނިޒާމަކަށް ވެކްސިން ނުޖަހާ ކުއްޖަކަށް ވަދެވޭނީ ވެކްސިން ދިނުމަށްފަހު، އަމިއްލަ ފަރާތްތަކުގައި ފާހަގަކުރެވިފައި އެބަހުރި، ވެކްސިން ނުޖަހާ ކުދިން އަމިއްލަ ފަރާތްތަކުގެ ސްކޫލުތަކަށް ވަދެފަ ހުރިކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލު އުމުރުގެ ވަރަށް ގިނަ ކުދިންނަށް ވެކްސިން ދެވިފައިވާ ކަމަށާއި އެހެންކަމުން ސްކޫލު އުމުރުގެ ތެރޭގައި ވެކްސިން ނުޖަހާ ތިބި ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވެކްސިން ނުޖަހާ ހުރި ކުއްޖެއް ކަމަށްވާނަމަ، ވެކްސިން ޖެހުމަށްފަހު މެނުވީ އެކުއްޖާ ސްކޫލަށް ނުފޮނުވުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި ވެކްސިން ނުދޭ ކުދިން ދެނެގަނެ އެކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ވެކްސިން ޖެހުމަށް އިންކާރުކޮށް، ވެކްސިން ނުޖަހާ ކުއްޖަކު ހުރިކަމަށް ވާނަމަ، ވެކްސިން ޖެހުމަށްފަހު ނޫނީ މިހާރުއްސުރެ ސްކޫލަށް ފޮނުވައިގެން ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުކުރި ނަމަވެސް، އައްޑޫ ސިޓީގައި ހުންނަ ސްކޫލަކަށް ކުދިން ވައްދާފައި ހުރިކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ އެ ސްކޫލުގެ އިތުރުން، އަދި އެހެން ސްކޫލެއްގައި ވެސް އެފަދަ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ނިޒާމުގެ ތެރެއިން އެ ސްކޫލަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެއްވެސް ސްކޫލަކަށް ނުވަތަ ސަރުކާރުން ތައުލީމުދޭ ތަނެއްގައި ވެކްސިން ނުޖަހާ ކުއްޖަކު ނެތް ކަން ކަށަވަރުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެހެންނަމަވެސް އަމިއްލަ ސްކޫލުތަކަށް ވެއްދުމުގައި ވެކްސިން ނުދޭ ބައެއް ކުދިން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ހަމައެކަނި އެކަން ފާހަގަކުރެވިފައި ހުރީ ކޮންމެހެން ވަކި ސްކޫލެއް އެކަންޏެއް ނޫން. އައްޑޫ އެކަންޏެއް ނޫން. އަޅުގަނޑަށް އިއްޔެ މައުލޫމާތު ލިބުނު އެހެން ސްކޫލަކުން ވެސް ފާހަގަ ކުރި އެއް ކޭސް މިހެން ދިމާވި ކަމަށް،" މިނިސްޓަރި ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ބޮޑަށް ފާހަގަކުރެވެނީ ޕްރައިވެޓް ސްކޫލުތައް ހުންނަ ތަންތަނުގައި ކަމަށާއި އެ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަންކަން ހައްލު ކުރަން ސަރުކާރު ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަށަވަރު ކުރާނަން ޕްރައިވެޓް ސްކޫލެއް ވިޔަސް ތައުލީމުދޭ އެއްވެސް ތަނަކަށް ވަދެވޭނީ، ނުވަތަ ކުއްޖާ އެހިސާބަށް އަންނަ އިރު ހުންނަން ޖެހޭނީ، ވެކްސިން ދީ އެކަންތައްތައް ނިމިފައި،" މިނިސްޓަރު ވިދާޅުވިއެވެ،

މިނިސްޓަރު ވިދާޅުވީ ކުއްޖާއަށް ވެކްސިން ދީފައިވޭތޯ ސްކޫލުތަކުން ބަލަން ޖެހޭނެ ކަމަށާއި އެއީ ސްކޫލުތަކުގެ ޒިންމާއެއް ކަމަށެވެ.

"ސްކޫލަކީ ގަސްތުގައި ވެކްސިން ނުޖަހާ ފަރާތްތަކަށް ފުރުސަތު އޮތް ތަނަކަށް ވުމަށް މަގުފަހިވެގެން ނުވާނެ. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރުން ފެށިގެން، ރާއްޖޭގެ ސްކޫލް، މަދަރުސާތަކުގެ ގްރޭޑް އެކަކަށް ވަންނަ ކުދިން ތިން ބާވަތެއްގެ ވެކްސިން އެއް ފުރިހަމަ ކުރަންޖެހެ އެވެ.

ނަމަވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން 2007 ވަނަ އަހަރު ރާއްޖޭގެ ވެކްސިން ޝެޑިއުލްއަށް ގެނައި ބަދަލުތަކާއެކު ކުރިން ރާއްޖޭގައި ދެމުން ދިޔަ ވެކްސިންތަކުގެ އިތުރުން ތިން ބާވަތެއްގެ ވެކްސިން ވަނީ ތައާރަފް ކޮށްފަ އެވެ.

އެއާއެކު 2008 ވަނަ އަހަރުން ފެށިގެން ސްކޫލް، މަދަރުސާތަކުގެ ގްރޭޑް އެކަކަށް ވަންނަ ކުދިން ހަ ބާވަތެއްގެ ވެކްސިން ފުރިހަމަ ކުރަންޖެހެ އެވެ. އެ ވެކްސިންތަކަކީ:

1. ބީސީޖީ ވެކްސިންގެ 1 ޑޯޒް

2. ޑީޕީޓީ ވެކްސިންގެ 3 ޑޯޒް

3. ޕޯލިޔޯ ވެކްސިންގެ 4 ޑޯޒް

4. ހެޕަޓައިޓިސް ބީ ވެކްސިންގެ 3 ޑޯޒް

5. މީސަލްސް ވެކްސިންގެ 1 ޑޯޒް

6. އެމްއެމްއާރު ވެކްސިންގެ 1 ޑޯޒް

comment ކޮމެންޓް