އޮލިމްޕަސް ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސް އާންމުކޮށްފި

އޮލިމްޕަސްގައި ދާދި ފަހުން ބޭއްވި ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާގައި ފިލްމީ ތަރިންތަކެއް -- ފޮޓޯ/ ރައީސް އޮފީސް

ފިލްމު ދެއްކުމަށާއި ޝޯ ބޭއްވުމަށާއި އަދި ފަންނުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަމަށް އޮލިމްޕަސް ދޫކުރުމުގެ އުސޫލަށް އިސްލާހު ގެނެސް އާންމުކޮށްފި އެވެ.

ނޭޝަނަލް ސެންޓާ ފޮ އާޓްސްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އޮލިމްޕަހުގެ ހޯލު ހަމަހަމަ ގޮތެއްގައި، ވަކި އުސޫލެއްގެ ދަށުން ކުއްޔަށް ދޫކުރުމާއި، ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތްތަކެއް ކަނޑަ އެޅުމުގެ މަގުސަދުގައި ކުރިން ބޭނުންކުރަމުން އައި އުސޫލަށް އިސްލާހުގެނެސްފައިވާ ކަމަށެވެ.

އެ ސެންޓަރުން މިއަދު ބުނީ، އަލަށް އާންމުކުރި އުސޫލުގައި ބައެއް ބަދަލުތައް ގެނެސްފައި ހުންނާނެ ކަމަށެވެ. އެގޮތުން އަގުތަކަށްވެސް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ.

އަލަށް އާންމުކުރި އުސޫލުގައި، އޮލިމްޕަސް އެކި ގޮތްގޮތަށް ދޫކުރެވޭ ގޮތްތަކަށް ކަނޑައަޅާފައިވާ އަގުތައް ސާފުކޮށް ހާމަކޮށްފައިވެ އެވެ. އެގޮތުން ދިވެހި ފިލްމު ދެއްކުމަށް، ޝޯއަކަށް 2،000 ރުފިޔާ ދައްކަން ޖެހޭއިރު ރާއްޖެއިން ބޭރު ފިލްމެއް އަޅުވާނަމަ، ޝޯއަކަށް 6،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އުސޫލުގައި އާންމުކޮށްފައިވެ އެވެ.

އޮލިމްޕަސް ކުއްޔަށް ނެގުމުގައި ގިނަ ކަންތައްތަކަށް ބެލުމަށް އުސޫލުގައި ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ކުއްޔަށް ނެގުމުގެ އެޑްވާންސް އާއި ނަގާ ދުވަސްތައް މަދުކުރާ ނަމަ ކަންތައް ކުރާ ގޮތްތައްވެސް އެ އުސޫލުގައި ވަނީ ހާމަކޮށްފަ އެވެ.

ނޭޝަނަލް ސެންޓާ ފޮ އާޓްސް އިން އުސޫލު އާންމުކޮށްފައިވަނީ އޮލިމްޕަސް ހޯދުމުގައި ދަތިކަން އުޅޭކަމަށް ބުނެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖޭގެ ބޮޑު ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ޑާކް ރެއިން އިން ދާދި ފަހުން ބުނިގޮތުގައި މިއަހަރު ފެށިގެން ދިޔަ އިރުވެސް އޮލިމްޕަހުގައި ފިލްމު އެޅުވުމުގެ ހުއްދަ ލިބިފައެއް ނުވެ އެވެ. އެހެންކަމުން ފިލްމުތައް ރިލީޒުކުރާނެ ތާރީހު ހާމަ ނުކުރެވި ލަސްވާ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

comment ކޮމެންޓް