އައްޑޫ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށްނެގި މައްސަލައެއް ފެންމަތިވެއްޖެ

އައްޑޫ ސިޓީގައި ހުންނަ ދަމަނަވެށިން ވެކްސިން ދިންކަން އަންގައިދިނުމަށް ފަހު ޖަހާ ތައްގަނޑެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ދަމަނަވެށި ހިންގެވުމާ ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު އިހުތިޝާމް ނަޖީބު މިއަދު "ސަން" އަށް ވިދާޅުވީ ދަމަނަވެށިން ވައްކަން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

ދަމަނަވެށިން އޮފީހުގެ ރަސްމީ ލިޔުންތައް ހުރި ސީޕީޔޫ އަކާއި، އޮފީހުގެ ރަސްމީ ތައްގަނޑާއި، ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑާއި ދެ ކީބޯޑާއި މޮނީޓަރަކާއި ކުލަ ޕްރިންޓަރެއްގެ އިތުރުން 1800 ރުފިޔާ އާއި ޓޫލް ކިޓެއް ވަގަށް ނަގާފައިވާ ކަމަށް އިހުތިޝާމް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް ހުންނަ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. އިހުތިޝާމް ވިދާޅުވީ މިފަދަ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު ވެކްސިން ތައްގަނޑާއި ވެކްސިން ކާޑުތަކުގެ ކޮޕީގެ އިތުރުން އޮފީހުގެ ރަސްމީ ލިޔުންތަކެއް ހުރި ސީޕީޔޫއެއް ވަގަށް ނަގާފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

އަދި އެ ތަކެތީގެ ނާޖާއިޒް ފައިދާ ބަޔަކު ނެގުމަކީ، ނުވަތަ މިހާރުވެސް ނަގާފައި ވުމުގެ ކަންބޮޑުވުން ވެސް އިހުތިޝާމް ފާޅުކުރެއްވިއެވެ.

"މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ވެކްސިން ޖެހޭނެ ދެއްތޯ. އެހެންވީމަ ވަރަށް ބޮޑަށް ލަފާކުރެވޭ އެފަދަ ކަމެއް ހިނގާފާނެ ކަމަށް. ކޮންމެ ތަނެއްގަވެސް ނޫނީ ކޮންމެ ރަށެއްގަވެސް ވެކްސިން ކާޑުގަ އޮފީހުގެ ރަސްމީ ތައްގަނޑާއި ވެކްސިން ތައްގަނޑު ޖެހިދާނެ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ މިކަމާ،" އޭނާ ވިދާޅުވިއެވެ.

އިހްތިޝާމް ވިދާޅުވީ މިފަދަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން މިހާރު އެ މައްސަލަ ރަސްމީކޮށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީ ދަމަނަވެށިން ވައްކަންކުރި ކަމަށް ބުނެ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް