އަގުއޭރޯގެ ދެ ރެކޯޑަކާ އެކު ސިޓީ ދެވަނައަށް

ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ރޭ އެސްޓޮންވިލާ ކޮޅަށް ހެޓްރިކް ހެދުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ރުސެލް ގްރީވްސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީގެ ސްޓްރައިކަރު ސާޖިއޯ އަގުއޭރޯ ހެދި ދެ ރެކޯޑަކާ އެކު އެސްޓޮން ވިލާ އަތުން މޮޅުވެ އެ ޓީމު ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ.

އެސްޓޮންވިލާގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ކުރި ހޯދީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ސިޓީން ތާވަލުގެ ދެވަނައަށް ޖެހިލީ ކުރިން އެ މަގާމުގައި އޮތް ލެސްޓާ ސިޓީން އެންމެ ފަހުން ކުޅުނު މެޗުގައި ސައުތަމްޓޮން އަތުން ބަލިވުމާ ގުޅިގެންނެވެ. ސިޓީ މިވަގުތު ދެވަނައިގައި 47 ޕޮއިންޓާ އެކު އޮތް އިރު ލިވަޕޫލް އެއްވަނައިގައި އޮތީ 61 ޕޮއިންޓާ އެކު އެވެ.

ތާވަލުގެ ފުލުގައި އޮތް އެސްޓޮންވިލާއާ ދެކޮޅަށް ރޭ ސިޓީން ވަރުގަދަ ސްކޮޑަކާ އެކު ނުކުން އިރު މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅުނީ ސިޓީންނެވެ. އެ މެޗުގައި ސިޓީ ހޯދި މޮޅު އެންމެ ހާއްސަ ވަނީ މެޗުގައި ހެޓްރިކެއް ހަދައި އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ރެކޯޑެއް މުގުރާލި އަގުއޭރޯ އެވެ.

ރޭގެ މެޗުގައި ދެއްކި ތަފާތު މޮޅު ކުޅުމަކާ އެކު އަގުއޭރޯ ހެދި ހެޓްރިކާ އެކު އޭނާ ވެގެން ގޮސްފައި ވަނީ އިނގިރޭސި ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާއަށެވެ. ލީގުގައި އަގުއޭރޯ 12 ވަނަ ހެޓްރިކް ރޭ ހަމަކުރި އިރު މީގެ ކުރިން އެންމެ ގިނަ ހެޓްރިކް ހެދުމުގެ ރެކޯޑް އޭނާއާ އެކު ހިއްސާކުރަމުން އައީ ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އެލަން ޝިއަރާއާ އެވެ.

މީގެ އިތުރުން އަގުއޭރޯ ވަނީ ރޭ ޖެހި ގޯލުތަކާ އެކު ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ބިދޭސީ ކުޅުންތެރިޔާގެ ރެކޯޑް ވެސް ގާއިމުކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ އިނގިރޭސި ލީގުގައި މިހާތަނަށް 177 ގޯލު ޖަހައިފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 176 ގޯލާ އެކު އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ އަތުގަ އެވެ.

"އަގުއޭރޯ އަކީ ހަމަ ލެޖެންޑެއް. އޭނާ އެކަން މިރޭ އެ ސާބިތުކޮށްދިނީ . އޮންރީ އަކީ މި ލީގުގައި މިހާތަނަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ. އޭނާ ވެސް އަގުއޭރޯ މިރޭ އެ ހެދި ރެކޯޑާ މެދު ފަޙުރުވެރިވާނެ ކަން ޔަގީން،" އަގުއޭރޯގެ ރެކޯޑްތަކަށް ތައުރީފް ކުރަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑަށް ކުޅުމަށްފަހު ސިޓީއަށް ބަދަލުވި އަގުއޭރޯ ވަނީ މިހާތަނަށް ހަތަރު ލީގު ތަށި ސިޓީއާ އެކު ހޯދައިފަ އެވެ. އޭނާ އަކީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ޕްރިމިއާ ލީގުގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ. އެކަން އޭނާ ހަދާފައިވާ ރެކޯޑްތަކުން ސާބިތުވެއެވެ.

އަގުއޭރޯގެ އިތުރުން ރޭގެ މެޗުގައި ސިޓީއަށް ގޯލުތައް ޖަހައިދިނީ ގެބްރިއަލް ޖީސުސްއާއި އެ މެޗުގައި ދެ ގޯލު ޖެހި ރިޔާދު މަހްރޭޒް އެވެ. އެސްޓަން ވިލާގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖެހީ އަންވަރު އެލްގާޒީ އެވެ.

comment ކޮމެންޓް