ރަތްކާޑަކާ އެކު ވެސް ފައިނަލުގެ މޮޅު ކުޅުންތެރިއަކަށް ވަލްވާޑޭ

ރެއާލާއި އެތުލެޓިކޯ ބައްދަލު ކުރި ސުޕާ ކަޕުގެ ފައިނަލް މެޗުގައި ވަލްވާޑޭއަށް ދެއްކި ރަތް ކާޑު ---

ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި ރޭ އިތުރު ވަގުތުގެ ފަހު ހާފުގައި އެތުލެޓިކޯގެ ފޯވާޑް އަލްވާރޯ މޮރާޓާއަށް ކުރި ފައުލަކާ ގުޅިގެން ރެއާލްގެ ވިންގް ފެޑެރިކޯ ވަލްވާޑޭއަށް ރަތް ކާޑު ދެއްކި ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިއަކަށް އޭނާ ހޮވިއްޖެ އެވެ.

ސައުދީގެ ރިޔާދުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީއިން ރެއާލް ކުރި ހޯދި އިރު އެންމެ ގިނަބައެއްގެ ތައުރީފް ރައްދުކުރަމުން ދަނީ ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އަންނަ ޒުވާން ޑިފެންޑަރު ވަލްވާޑޭއަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު 15 މިނަޓުގެ ދެހާފުގެ ވެސް ފަހު ހާފު ނިމެން ފަސް މިނަޓަށް ވެފައި ވަނިކޮށް ވަލްވާޑޭ ކުރި ފައުލަކީ ރެއާލް މެޗުން މޮޅުވުމަށް ދިމާވި އެއް ސަބަބެވެ.

ރެއާލާއި އެތުލެޓިކޯ ބައްދަލު ކުރި ސުޕާ ކަޕުގެ ފައިނަލް މެޗުގައި ވަލްވާޑޭ މޮރާޓާއަށް ކުރި ފައުލު --- ފޮޓޯ/ އޭޕީ

މެޗުގެ 115 ވަނަ މިނަޓުގައި އެތުލެޓިކޯއިން އުފެއްދި ކައުންޓާ އެޓޭކެއްގައި ރެއާލްގެ ދެ ޑިފެންޑަރު ދޭތެރެއިން ދިޔަ ބޯޅައެއް ހިފައިގެން ހުސްކޮށް ހުރި މޮރާޓާ ދިޔައީ ގޯލާ ދިމާއަށެވެ. އޭނާގެ ކުރިމަތީގައި ހުރަހަކަށް ހުރީ ހަމައެކަނި ކީޕަރު ތިބައުޓް ކޯޓުއާ އެވެ. މޮރާޓާ އަކީ ވަން އޮން ވަން ހާލަތެއްގައި ޔަގީނުންވެސް ސްކޯ ކޮށްލާނެ ކުޅުންތެރިއަކަށްވާ އިރު އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ވަދެ ހުއްޓާ ފަހަތުން އައިސް ފައުލުކޮށް ވަލްވާޑޭ ވަނީ މޮރާޓާ ހުއްޓުވައިފަ އެވެ.

އެއާ އެކު ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާފަ އެވެ. އެއީ ރެއާލް މެޑްރިޑްގެ މެޗު ވިނިންގް ސޭވް އެވެ. އެ މެޗުގައި ސޮލިޑް ޕަފޯމެންސެއް ދެއްކި ވަލްވާޑޭއަށް މެޗުގައި ރަތް ކާޑު ދެއްކި ނަމަވެސް އޭނާއަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފަ އެވެ. އޭނާ ވަނީ މެޗަށްފަހު މޮރާޓާ ގާތުން މާފަށް އެދިފަ އެވެ.

"އަހަރެން މޮރާޓާ ގާތުން މާފަށް އެދެން. އަހަރެންނަށް އިނގޭ އަހަރެން ކުރި ފައުލަކީ ނުރައްކާތެރި ފައުލެއްކަން. އެކަމަކު އެ ވަގުތު އިތުރު ގޮތެއް ނެތް. އެއީ ކޮންމެހެން ވެސް ކުރަން ޖެހުނު ފައުލެއް،" ވަލްވާޑޭ މެޗަށް ފަހު ބުންޏެވެ.

އޭނާ ބުނީ ރެއާލާ އެކު ހޭދަކުރަމުން ދަނީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދި ޒައިނުއްދީން ޒިދާންގެ ކޯޗު ކަމުގައި ރެއާލްގެ ފުރަތަމަ އެގާރައިގައި ކުޅެލަން ލިބުމަކީ ފަހުރެއް ކަމަށާއި މެޗުން މޮޅުވުމުން ވަރަށް އުފާވާ ކަމަށެވެ.

"މެޗުން ލިބުނު ކާމިޔާބީއާ ދޭތެރޭ އުފާކުރަން. އެކަމަކު އެއަށްވުރެން އުފާވާ ހަބަރެއް ވެސް މިއަދު ލިބިއްޖެ. އަހަރެން ބައްޕައަކަށް ވާން އުޅޭ ކަމުގެ ހަބަރުވެސް މިއަދު ލިބިއްޖެ."

comment ކޮމެންޓް