ބަނގުރަލުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ރެސްޓޯރެންޓަކުން ބަޔަކު ހައްޔަރުކޮށްފި

ފުލުހުން މީގެ ކުރިން އަތުލައިގަތް ބަނގުރާ ފުޅިތަކެއް --- ފޮޓޯ ފުލުހުން

މާލޭގެ ރެސްޓޯރެންޓެއްގައި ބަނގުރަލުން ވިޔަފާރި ކުރަން ތިބި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްުޔަރުކޮށްފި އެވެ.

މިއަދު ހެނދުނު 8:50 އެހާކަންހާއިރު މާލޭގެ ރެސްޓޯރެންޓެއްގައި ބަނގުރަލުން ވިޔަފާރި ކުރަން ބަޔަކު ތިބި ކަމުގެ މައުލޫމާތު ލިބިގެން އެ އެތަނަށް ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

އެ ތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ދަބަސްތައް ބަލާ ފާސް ކުރި އިރު އެ ދަބަސްތަކުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ގިނަ އަދަދެއްގެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ 34 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް