ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އިޝްތިހާރު ކުރަނީ

ޗައިނާގައި ރާއްޖޭގެ މަންޒަރުތައް ދައްކުވައިދޭ ލެޑް ސްކްރީނުތަކެއް --

ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.

އެމްއެމްޕީއާރްސީއިން ކުރިއަށް ގެންދާ އެ ކެމްޕޭނުގެ ދަށުން ރާއްޖެ އިޝްތިހާރު ކުރަނީ ޗައިނާގެ ވެރިރަށް ބެއިޖިން، ގުއަންޒޯ، އަދި ވިޔަފާރީގެ މައި މަރުކަޒެއް ކަމަށްވާ، ޝަންހާއީގަ އެވެ.

އެ ކެމްޕޭންގެ މަގުސަދަކީ ޗައިނާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުން ކަމަށް އެމްއެމްޕީއާރްސީއިން ބުންޏެވެ.

އެގޮތުން ބެއިޖިންގެ އެންމެ ބިޔަ އޮފީސް އިމާރާތްތަކުގެ އެތެރޭގައު ހުންނަ 2،000 ލެޑް ސްކްރީނެއްގައި އަދި ގުއަންޒޯގެ އެންމެ ބޮޑު ފަސް ޝޮޕިންމޯލުގެ ބޭރުގައި ބެހެއްޓިފައިވާ ބޮޑެތި ލެޑް ސްކީންތަކުގައި ރާއްޖޭގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ދައްކަމުންދާނެ ކަމަށް އެމްއެމްޕީއާރްސީއިން ބުންޏެވެ. އަދި ދުވާލެއްގެ މައްޗަށް ދޮޅުލައްކައެއްހާ މީހުން ބޭނުންކުރާ ޝަންހާއީ މެޓްރޯ ސްޓޭޝަންގައި ބެހެއްޓިފައިވާ ހަތް ލެޑް ސްކްރީނެއްގައި ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވޭނެ ކަންކަން އިސްތިހާރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންނެވެ.

ޗައިނާގައި ރާއްޖޭގެ މަންޒަރުތައް ދައްކުވައިދޭ ލެޑް ސްކްރީނުތަކެއް --

ޗައިނާ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި އިތުރު ދެ ފެއާއެއްގައި ބައިވެރިވެ ދެ ރޯޑް ޝޯއެއް ބޭއްވުމަށް ވެސް ވަނީ އެމްއެމްޕީއާރްސީއިން ރާވައިފަ އެވެ. އޭގެ އިތުރުން ޕްރެސް އަދި ސެލެބްރިޓީ ފެމިލަރައިޒޭޝަން ޓްރިޕްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޗައިނާއިން މިދިޔަ އަހަރު ރާއްޖެއަށް 283،372 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެެ އެވެ. އެގޮތުން ޗައިނާ ވެފައި ވަނީ މިދިޔަ އަހަރުވެސް އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން އައި ގައުމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 1.7 މިލިއަނެވެ. އެއީ ރެކޯޑު އަދަދެކެވެ.

comment ކޮމެންޓް