ކޮންމެ ދަރިވަރަކަށްވެސް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ސްކޫލްތަކުގައި ފަށަނީ

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮންމެ ދަރިވަރަކަށްވެސް ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ސްކޫލްތަކުގައި ޕްރޮގްރާމެއް ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ދިރާސީ އާހަަރު ފެށުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ހެނދުނު ދެއްވި ހިތާބުގައި ވިދާޅުވީ މަދަރްސީ ތައުލީމު ނިންމާ ކޮންމެ ދަރިވަރެއް އަބުރުވެރިކަމާއެކު އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ހެދުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަޒުމެއް ކަމަށެވެ.

"މިގޮތުން ދަރިވަރުން މަސައްކަތަށް އަހުލުވެރި ކުރުވުމަށްޓަކައި ކޮންމެ ދަރިވަރަކަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މުޅިން އަލަށް ސްކޫލުތަކުގައި މިއަހަރުތެރޭ ފެށިގެންދާނެ. އަދި ވޭތުވެދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން މަސައްކަތަށް އަހުލުވެރިކުރުވުމަށް އަންނަ ފެބްރުއަރީ މަހު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ރާއްޖޭގައި ތައުލީމް ފޯރުކޮށްދެމުންދާތާ 100 އަހަރަށް ވުރެ ގިނަދުވަސް މިހާރު ވަނީ ވެފައެވެ. މީގެ ކުރިން ތައުލީމްއާ ބެހޭ ވަކި ގާނޫނެއް ނެތަސް މިއަަހަރު އެކަމަށް ވަކި ގާނޫނެއް ފާސްވެގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ ސަބަބުން އެކި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ލިޔެވި ބަޔާންވެ ކަންކަމަށް މީހުން ޒިންމާދާރުކުރުވުމަށާއި ތައުލީމުގެ ބާވަތާއި ގޮތްތައް ކަނޑައެޅުމުގައި ވަރަށް ބޮޑު ސާފުކަމެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ، ވިހިވިއްސަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތާރީހުގައި، ފަނޑުވުމެއް ނެތް ފެހިކުލައަކުން ލިޔެލެވޭ އަހަރަކަށް ހެދުމަށް. އެތައް ދާއިރާއަކުން ކުރިއެރުންތައް ހޯދުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ހިންގާނޭ މުހިއްމު އެއްކަމައްގެ ގޮތުގައި ހުރިހާ ސްކޫލްތަކުގެ އުމްރާނީ އަދި ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކުރެވިެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކަމުގެ ތެރޭގައި އެތައް ސްކޫލެއްގައި އައު ޢިމާރާތްތައް ކުރުމާއި އެކި ތަކެތި ފޯރުކޮށްދިނުން ހިމެނޭ. ލާމަރުކަޒީ ގާނޫނު ހިންގަން ފެށުމާ ގުޅިގެން އިތުރު ބާރުތައް ސްކޫލްތަކަށް ފޯރުކޮށްދެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް