އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއަށް ލޯނު އެހީ ލިބިއްޖެ

އައްޑޫ ސިޓީ ހިތަދޫ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއު ހިންގުމަށް 14 މިލިއަން ޑޮލަރުގެ ލޯނު އެހީ ރާއްޖެއަށް ލިބިއްޖެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނި ގޮތުގައި އެ މަޝްރޫއު ހިންގުމަށް 14 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 216މިލިއަން ދިވެހި ރުފިޔާ)ގެ ލޯނު އެހީ ދިނީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިންނެވެ. މިހާރު އަބޫދާބީގައި ކުރިއަށްދާ އައިރީނާގެ ދިހަވަނަ އެސެމްބްލީގައި ބޭއްވި ރަސްމިއްޔާތުގައި އެކަން އިއުލާނުކޮށްފައިވާ ކަމަށް އެ މިނިސްޓްރީއިން ބުންނެވެ.

އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި، ޔޫއޭއީގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒް އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ކޯޕަރޭޝަންގެ އިސްއޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރާ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒަކީ، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ހުވަދު އަތޮޅުގެ އުތުރުބުރިއާއި ދެކުނުބިރީގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގައި އުފެދޭ ކުނީގެ ތެރެއިން ނެތިފަނާވެދާ ކުނި ފިޔަވާ ކުނީގެ އެހެން ބާވަތްތައް މެނޭޖުކުރުމަށާއި އެކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް އަމާޒުކޮށް އެކުލަވާލާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ޕްރޮޕޯސަލް ދިވެހިރާއްޖެއިން އައިރީނާއަށް ހުށައަޅާފައި ވަނީ 2019 ވަނަ އަހަރު އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް އައިރީނާ އާއި އޭޑީއެފްޑީ ގުޅިންގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 350 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރެއިން 2020 ވަނަ އަހަރު ޖުމުލަ 104.5 މިލިއަން އެމެރިކާ ޑޮލަރު އަށް ގައުމަކަށް ދީފައިވެ އެވެ. އައިރީނާ-އޭޑީއެފްޑް ޕްރޮޖެކްޓް ފެސިލިޓީގެ ހަތް ވަނަ ބުރުގައި 95 ގައުމަކުން ވާދަކޮށްފައިވެ އެވެ.

comment ކޮމެންޓް