މިއަހަރު އެޑިއުކޭޝަންގެ ޕީއެސްއައިޕީ ބަޖެޓުން 228 މިލިއަން ރުފިޔާގެ 91 ޕްރޮޖެކްޓެއް

އިތުރު ކްލާސްރޫމްތަކެއް އަޅަން ސޮއިކުރުން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިއަހަރު އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީ ބަޖެޓުން 228 މިލިއަން ރުފިޔާގެ 91 ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށްޓަކައި މިއަހަރގެ ދިވެހި ދައުލަތުގެ ބަޖެޓުގައި 330 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި 228 މިލިއަން ރުފިޔާގެ 91 ޕްރޮޖެކްޓެއް ހިމެނެއެވެ.

އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި 444 ކްލާސްރޫމްއާއި 30 މަލްޓިޕާޕަސް ހޯލާއި ނުވަ ލައިބްރަރީއާއި ހަ ސްޓާފްރޫމް އަދި އަށް ސައިންސް ލެބް އަދި 788 އަށް ފާހާނާއާއި 150 އެކްސެސިބަލް ފާހާނާ ހެދުން ހިމެނޭކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭގެ އިތުރުން 288 އުމްރާނި ވަސީލަތްތައް ސްކޫލްތަކުގައި ގާއިމްކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާސީ އާއަހަރަށް ރާއްޖޭގެ ސްކޫލްތައް ހުޅުވުމުގެ ގޮތުން އެކި ސްކޫލްތަކުގެ އާބާތުރަ ފިލުވައި ކަންކަން ކުރުމަށް 38 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތުގެ އާބާތުރަ ފިލުވައި މިއަހަރު އާ ސްކޫލްއެއް ވަނީ ހުޅުވައިފައެވެ. އިއްޒުއްދީންގެ ނަމުގައި އާ ސްކޫލް ހުޅުވީ މިއަދުއެވެ.

މިއަހަރު ރާއްޖޭގެ އެކި ސްކޫލްތަކުގައި ޖުމްލަ 83،955 ދަރިވަރުން ތައުލީމް ހާސިލްކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން ސަރުކާރުގެ ސްކޫލްތަކުގައި 73،067 ދަރިވަރުން ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް