ޒުވާނުން ކަންނެތް ނުވެ، ކެރޭ ބަޔަކަށް ވުމަށް ނައިބު ރައީސް ގޮވާލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ޒުވާނުންނަކީ ކެރޭ ގާބިލު ބަޔަކަށް ވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ޔޫތު މިނިސްޓްރީ އާއި ފުލުހުން ގުޅުގެން ކުރިއަށްގެންދާ "ލާމަސީލު ޒުވާނާ" ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް މިއަދު ވިދާޅުވީ މޮޅު މީހަކަށްވުމަށް ބޭނުންވަނީ ކެރުމާއި ހިތްވަރު ކަމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އެ އިތުބާރު ބާއްވަން އެބަޖެހޭ. ކޮންމެ މީހަކީވެސް ވިސްނޭ މޮޅު މީހަކަށް ވެވިދާނެ މީހެއް. އެކަމަށް ބޭނުންވަނީ ހިތްވަރު. މިއަދު ދިވެހި ޒުވާނުން ކުރަންވީ ހިތްވަރު. އަޅުގަނޑުމެން ވާންވީ އިންޓެލިޖެންޓުު ބަޔަކަށް. އަޅުގަނޑުމެން ވާންވީ ހާޑް ވޯކް ކުރާ ބަޔަކަށް. އަޅުގަނޑުމެން ވާންވީ ޑިސިޕްލިންޑް ބަޔަކަށް،" ނައިބު ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތައް ކުރިއަރާ ގޮސްފައިވަނީ ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި، އެއްވެސް ގައުމެއް ހަރުދަނާ ޒުވާން ޖީލަކާ ނުލާ ކުރިނާރާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ޒުވާނުންގެ މަސައްކަތާ ނުލާ، ރަނގަޅު ޖީލަކާ ނުލާ އެއްވެސް ގައުމެއް ކުރިއަރާފައެއް ނުވޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ގައުމުގެ އަމާންކަން ދެމެހެއްޓުމަށް ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުން ގާއިމްކުރެވޭނީ، ނަމޫނާ ލާމަސީލު ކަންތައްތަކެއް ޒުވާނުންނަށް ދެއްކިގެން ކަމަށެވެ.

ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ޒުވާނުން ބިނާ ކުރުން ކަމަށާއި ނަމަވެސް، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ހިނގައިގެން ނުވާނެ ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މިފަދަ ހަގީގަތްތައް ގަބޫލުކޮށް، މިފަދަ ކަންތައްތަކާ އަޅުގަނޑުމެން ކުރިމަތިލާން ޖެހެނީ ވަރަށް ކެރިގެންް ވަރަށް އަޒުމާއެކު،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ފަށާ ކޮންމެ ކަމެއް، ރަނގަޅު ގޮތުގައި ނިންމުމަށް އަޒުމް ކަނޑައެޅުމަށް ޒުވާނުންނަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެންނަށް ދިމާވާ މައްސަައަކީ ބައެއް ފަހަރު، ފަރުވާ ކުޑަ ކުރެވުން. އިހުމާލުވުން. އޭގެ ނަތީޖާ ފެނިގެން ދަނީ ވަރަށް ހިތާމަވެރިކޮށް. އެއްވެސް މީހަކު ބޭނުުމެއް ނުވާނެ ހިތާމަވެރި ގޮތަކަށް އެއްވެސް ކަމެއް މެދުވެރިވެގެންދާކަށް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އިހުމާލުވެވޭ ކުޑަކުޑަ ކަމަކުން މެޓާ އޮފް ސެކަންޑްސް ތެރޭގައި އަޅުގަނޑުމެން ކުރިމަތިލަނީ މުޅި އުމުރަށް ހިތާމަ،" ނައިބު ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ މަސައްކަތުން ގައުމަށް ކުރިއެރުން ހޯދިދާނެކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް މައްސަލަތައް ހައްލު ކުރަނީ އެކުގައި ކުރާ މަސައްކަތުން ކަމަށެވެ.

"ކޮންމެ ކަމެއް ކުރިނަމަވެސް، ޒުވާން އުމުރަކީ އެ ގެއްލިގެން ގޮސްފިނަމަ އަލުން އަނބުރާ ހޯދޭނެ އެއްޗެއް ނޫން. ޒުވާން އުމުރަކީ ވަރަށް އަގުހުރި ދުވަސްވަރެއް. އެހެންވީމާ ހުރިހާ ޒުވާނުންވެސް އަޒުމްތައް ކަނޑައަޅާއިރު، ތިމާއަކީ އެންމެ އަހުލާގު ރަނގަޅު މީހާ އަށް ވުމުގެ އަޒުމަކީ ކަނޑައަޅަންޖެހޭ އަޒުމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރަނގަޅު އަހުލާގާ ނުލާ ކާމިޔާބީ އެއް ނުހޯދޭނެ ކަމަށެވެ. ޒުވާން އުމުރުގައި، ހާއްސަކޮށް ހުރިހާ އުމުރެއްގައިވެސް އެހެންމީހުންނަށް އިހުތިރާމުކޮށް އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާ ކުރުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.

comment ކޮމެންޓް