އެމްޑީޕީ ޕްރައިމަރީ: ތިން ސިޓީގެ ގޮނޑިތަކަށް 107 މީހުން ކުރިމަތިލައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ތެރެއިން: އެ ޕާޓީގެ ފަރާތުން ކައުންސިލްތަކަށް ކުރިމަތިލާފައިވާ ފަރާތްތައް ހޮވުމަށް ބާއްވާ އިންތިހާބް އޮންނާނީ މިމަހުގެ 31 ގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ތިން ސިޓީ ކައުންސިލަށް ކުރިމަތިލުމަށް ޓިކެޓް ހޯދުމަށް 107 މީހުން ކުރިމަތިލައިފި އެވެ.

މި މަހުގެ 31 ގައި އޮންނަ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ކުޅުދުއްފުށި ސިޓީ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ގޮނޑިތަކަށް ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފެ އެވެ.

އެގޮތުން، ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން މާލޭ ސިޓީގެ 19 ގޮނޑީގެ ޕްރައިމަރީއަށް 48 މީހުން ވާދަކުރެ އެވެ. އޭގެ ތެރެއިން ހަތް މީހަކު ވާދަކުރަނީ މޭޔަރުގެ މަގާމަށެވެ.

މާލެ ސިޓީ ނެގުމަށްފަހު ދެން އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ 13 ގޮނޑިއަށް އެމްޑީޕީގެ ފަރާތުން 44 މީހުން ވަނީ ކުރިމަތިލައިފަ އެވެ. އަދި އެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލީ ތިން މީހުނެވެ.

ފުވައްމުލަކު ސިޓީގެ ހަތް ގޮނޑިއަށް ވަނީ 15 ފަރާތަކުން ކުރިމަތިލާފަ އެވެ. އެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލީ ހަތަރު މީހުންނެވެ.

އަލަށް އުފެއްދި ކުޅުދުއްފުށި ސިޓީން މޭޔަރާއި އެކު ހަތް ކައުންސިލަރުން އިންތިހާބް ކުރާއިރު، އެމްޑީޕީގެ ޓިކެޓްގައި އެ ސިޓީގެ ގޮނޑިތަކަށް ވާދަކުރުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16ގެ ނިޔަލަށް ކުޅުދުއްފުށީ ސިޓީގެ ޕްރައިމަރީއަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ހުންނާނެ ކަމަށެވެ.

ކުޅުދުއްފުށީގެ ހަ ދާއިރާ:

ކުޅުދުއްފުށި އުތުރު ދާއިރާ
ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ
ކުޅުދުއްފުށި މެދު އުތުރު ދާއިރާ
ކުޅުދުއްފުށި މެދު ދެކުނު ދާއިރާ
ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ
ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ

އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާ އެވެ.

އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެއާއެކު އަންހެން ކައުންސިލަރުންނަށް 384 ޖާގަ ކަށަވަރު ވާނެ އެވެ.

comment ކޮމެންޓް