އިބްރަހިމޯވިޗްގެ ގޯލާ އެކު މިލާނަށް މުހިއްމު މޮޅެއް

އޭސީ މިލާނުގެ ފޯވާޑް ޒްލަޓަން އިބްހިމޯވިޗް: އޭނާ ވަނީ ރޭ ކުޅުނު މެޗުގައި ކަލިއާރީ ކޮޅަށް ގޯލު ޖަހައިފައި --- ފޮޓޯ// ކްރިސް މައިސަން

ޒްލަޓަން އިބްރަހިމޯވިޗް އެނބުރި އައިސް ފުރަތަމަ އެގާރައިގައި ހިމެނުނު ފުރަތަމަ މެޗުގައި އޭނާ ޖެހި ގޯލާ އެކު އޭސީ މިލާނުން ކަލިއާރީ އަތުން މޮޅުވެއްޖެ އެވެ.

ކަލިއާރީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން މިލާން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު މިލާން ތާވަލުގެ ހަތްވަނައަށް ޖެހިލައިފައި ވާ އިރު އެ ޓީމުގެ މަތީގައި އޮތް ކަލިއާރީއާ ހަތަރު ޕޮއިންޓަށް ވަނީ ފަރަގު ކުޑަކޮށްފަ އެވެ. މިވަގުތު އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތީ އިންޓަ މިލާނެވެ. އެކަމަކު ރޭގެ މެޗުގައި އިންޓަ އެއްވަރުމުން މިރޭ ޔުވެންޓަސް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ޔުވެންޓަސް އެއްވަނައަށް އަރާނެ އެވެ.

ރޭގެ މެޗަށް ނުކުން އިރު މިލާން ވަނީ 1985 ގެ ފަހުން އެ ޓީމުން ލީގުގައި އެންމެ މަދުން ގޯލު ޖެހި ސީޒަނަށް ވުމާ ގާތް ވެފަ އެވެ. އެކަމަކު މެޗުގައި ރޭ އެ ޓީމުން ދެއްކި މޮޅު ކުޅުމާ އެކު އަނެއްކާވެސް ރަނގަޅު ކުރިއެރުމެއް ލިބިދާނެ ކަމުގެ އުންމީދު އަނެއްކާވެސް އެ ޓީމުގެ ސަޕޯޓަރުންނަށް ވަނީ ލިބިފަ އެވެ.

ރޭގެ މެޗު ފެށިގެން މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ މިލާނުން ވަނީ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެކަމަކު އެ ޓީމަށް އެ ހާފުގައި އިދިކޮޅު ޓީމުގެ ގޯލު ފޫއަޅުވާ ނުލެވުނެވެ.

ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް މިލާނުން ބޭކާރުކޮށްލި ނަމަވެސް ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނަޓުގައި އެ ޓީމުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. ރަފައެލް ލިއާއޯގެ ގޯލުން އެ ޓީމު ލީޑު ނެގި އިރު ދެވަނަ ގޯލު 12 ޔާޑު ދުރުން ފޮނުވާލި ބޯޅައަކާ އެކު ވައްދާލީ ދާދި ފަހުން މިލާނަށް ބަދަލުވި އިބްރަހިމޯވިޗް އެވެ.

މީގެ އަށް ވަރަކަށް އަހަރު ކުރިން މިލާނަށް ކުޅުނު އިބްރަހިމޯވިޗް އަލުން އަނބުރާ އެ ޓީމަށް އައި ފަހުން ފުރަތަމަ އެގާރައިގައި ހިމެނިގެން ފެށި މެޗުގައި އޭނާ ވަނީ މެޗު ނިމެންދަނިކޮށް އިތުރު ގޯލެއް ވެސް ޖަހައިފަ އެވެ. އެކަމަކު ރެފްރީ ވަނީ އެ ގޯލު އޮފްސައިޑް ކަމަށް ނިންމާފަ އެވެ.

އިބްރަހިމޮވިޗް މިލާނަށް ކުރިން ކުޅުނީ 2010 އިން 2012 އަށެވެ. އޭނާ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް 85 މެޗުން 56 ގޯލް ޖަހައިދީފަ އެވެ.

ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އިބްރަހިމޮވިޗަކީ މި ޖީލުގެ އެންމެ މޮޅު އެއް ފޯވާޑެވެ. ކަކުލުގެ ސީރިއަސް އަނިޔާ އަކުން އެނބުރި އައިސް މި އުމުރުގައި ވެސް އޭނާ ވަނީ މޭޖާ ލީގުގައި ގެލެކްސީ އަށް 58 މެޗުން 53 ގޯލް ޖަހައިދީފަ އެވެ.

comment ކޮމެންޓް