ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއް

ލިވަޕޫލުގެ ފޯވާޑް ފިރްމީނިއޯ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ގާއީ އެޓްކިންސަން: ލައިވްސޮކާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން އެއްވަނައިގައި 16 ޕޮއިންޓްގެ ލީޑެއް ނަގައި ތަށި ހޯދުމާއި ގާތަށް ޖެހިލައިފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު ވާދަވެރި މެޗުން ލިވަޕޫލް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އަަދި އެހެންމެ ލިވަޕޫލާއި ދެން އެންމެ ގާތުން ވާދަކުރާ ލެސްޓާ ސިޓީ ރޭ ސައުތަމްޓޮންއާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ 1-2ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އެހެން ކަމުން ލިވަޕޫލް މިވަގުތު އެއްވަނައިގައި 16 ޕޮއިންޓްގެ ލީޑަކާ އެކު އޮތީ 21 މެޗު ކުޅެ 61 ޕޮއިންޓް ހޯދައިގެންނެވެ.

ދެވަނައިގައި އޮތް ލެސްޓާއަށް 22 މެޗު ކުޅެ 45 ލިބިފައިވާ އިރު ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 21 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ. މިރޭ ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ސިޓީ އަށް ލީގުގެ ދެ ވަނަ އަށް އެރޭނެ އެވެ.

ހޯސޭ މޮރީނިއޯގެ ޓޮޓެންހަމުން ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން މުހިއްމު ކުޅުންތެރިންތަކެއް ނުލަ އެވެ. އެގޮތުން ޓީމުގެ އެއް ނަންބަރު ސްޓްރައިކަރު ހެރީ ކޭންގެ ލިގަމެންޓް ސާޖަރީއެއް ކުރަން ޖެހިފައިވާ އިރު އޭނާ އެނބުރި ކުޅުމަށް އަންނަން ދެ މަސްވަރު ނަގާނެ ކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ.

ރޭގެ މެޗު ފެށިގެން ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅެމުން ދިޔަ ލިވަޕޫލުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގަ އެވެ. ލިވަޕޫލުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ދިން ބޯޅައަކުން އެ ގޯލު މެޗުގެ 37 ވަނަ މިނަޓުގައި ޖަހައިދިނީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ރޮބާޓޯ ފިރްމީނިއޯ އެވެ.

މޮރީނިއޯގެ ޑިފެންސިވް ގޭމެއް ފެނިގެން ދިޔަ އެ މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމް ކުޅުން ރަނގަޅުކުރި އެވެ. އެކަމަކު އެ ޓީމުގެ ފޯވާޑުން އެ ހާފުގައި އުފެއްދި ހަމަލާތައް ދިޔައީ އަރިމަތިން ބޭރަށެވެ. ރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ ލީގުގައި ބަލިނުވެ 38 މެޗު ހަމަކޮށްފަ އެވެ. މި ސީޒަނުގައި އެއް މެޗު ނޫން އެހެން ހުރިހާ މެޗަކުން މޮޅުވަމުން އައި އިރު ޕޮއިންޓް ގެއްލުނީ ހަމައެކަނި އެއް މެޗުން އެއްވަރުވުމުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ޔާގޮން ކްލޮޕް ބުނީ މެޗުގައި ކުރީ ކޮޅު ލިބުނު ރަނގަޅު ފުރުސަތުތައް ނިންމާ ނުލެވުމުން އެކަމުގެ ހިތި ފަހުން ފެނުނު ކަމަށެވެ. އެކަމަކު އެންމެ މުހިއްމުވީ މެޗުން ތިން ޕޮއިންޓް ކަމަށާއި އެކަން ހާސިލްވީ ކަމަށެވެ.

"ޓޮޓެންހަމް ކަހަލަ ޓީމުތަކާ ދެކޮޅަށް ކުޅޭ އިރު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދޫ ދީގެން ނުވާނެ. މެޗުގައި ނަސީބުވެސް ހުރީ އަހަރަމެން ފަޅިއަށް. ކީޕަރު އެލިސަން ބެކާއަށް ވެސް ނަސީބު ހުރި ގޮތުން ތިން ހަމަލާއެއް ދިޔަ ސަލާމަތް ވެގެން." ކްލޮޕް ބުންޏެވެ.

މީގެ އިތުރުން ވެސް ލީގުގައި ރޭ ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 4-0 އިން ފުލުގައި އޮތް ނޯވިޗް ސިޓީ ބަލިކޮށްފަ އެވެ. ޗެލްސީ ކުޅުނު މެޗުން އެ ޓީމު ވަނީ 3-0 އިން ބާންލީ ބަލިކޮށްފަ އެވެ. އަދި 10 ކުޅުންތެރިންނާ އެކު މެޗު ނިންމާލި އާސެނަލް ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުވެފަ އެވެ.

comment ކޮމެންޓް