ޔާމީންއަށް ޖަލުން ސަލާމަތް ނުވެވި، ކެމްޕޭނަށް ގެއްލުން؟!

ރައީސް ޔާމީން: އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހައިކޯޓުގައި ވަނީ އެދިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖިލިސް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ފެބްރުއަރީ 18، 2019ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލަށް ލާން އަމުރުކުރި އެވެ. އެ ބަންދުން މުޅިން ސަލާމަތްވީ 13 މާޗުގައި އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމުންނާއި 28 މާޗުގައި އެމަނިކުފާނުގެ ބަންދު އަމުރު ހައިކޯޓުން ބާތިލު ކުރުމުންނެވެ. ފަހު ވަގުތު އެމަނިކުފާނު ކެމްޕޭނު ކުރައްވަން ޖެހުނީ ރެކޯޑުކޮށްފައި ހުރި މެސެޖުތަކާއި ފޯނުކޯލުތައް ބޭނުންކޮށްގެންނެވެ. އެ އިންތިހާބުގައި އެމަނިކުފާނުގެ ކޯލިޝަނަށް ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ. އަނެއްކާވެސް އިންތިހާބެއް ބޯމަތިވަމުން އަންނަ އިރު އެމަނިކުފާނަށް ކުރިމަތިވެފައި މިވަނީ ހަމަ އެފަދަ ހާލަތެވެ.

ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މަހުގެ 30 ވަނަ ދުވަހު އެ މައްސަލަ އިސްތިއުނާފު ކުރަން އެމަނިކުފާނުގެ ފަރާތުން ހުށަހެޅި އެވެ. އެ އިސްތިއުފާނު ބަލައިގެންފައިވާކަން ހައިކޯޓުން ހާމަ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މަނީ ލޯންޑަރިން މައްސަލަ އިސްތިއުނާފު ކުރި އިރު، އެ އިސްތިއުނާފު މައްސަަލަ ނިމެންދެން ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލަން އޭނާގެ ވަކީލުން އެދިފައިވެ އެވެ.

އެފަހުން މަސް ދުވަސް ފާއިތުވެގެންދާއިރުވެސް ކަފާލާތާ މެދު ގޮތެއް ނުނިންމަ އެވެ. ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހު ބާއްވާ އިރު އެކަމާ މެދު ގޮތެއް ނުނިންމާ ކޮންމެ ދުވަހަކީ އިދިކޮޅަށް ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބޭ ދުވަހެކެވެ.

ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލެވޭނެތަ؟

ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުން ދަށުކޯޓަކުން ހުކުމްކޮށްފައިވާ މީހަކު ނުވަތަ ހައިކޯޓުން ހިންގާ ގަޒިއްޔާއެއްގައި ކުށުގެ ތުހުމަތުގައި ހުރި މީހަކު ހައިކޯޓުން ގަބޫލުކުރާފަދަ ކަފާލަތެއް ހުށަހަޅައިފިނަމަ، ހައިކޯޓުން އެ މައްސަލައަކާ މެދު ނަޒަރު ހިންގުމުގެ ތެރޭގައި ނުވަތަ ޝަރީއަތް ހިންގުމުގެ ތެރޭގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމަކީ އެ ކޯޓުގެ އިހްތިޔާރުގައިވާ ކަމެކެވެ. ކަފާލާތުގެ ދަށުން މީހުން ދޫކުރެވޭ ދެ ގޮތެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާން ކުރެއެވެ. އެއީ ފައިސާ ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ދޫކުރުމާއި، މީހަކު ޖާމިނުވުމުން ކަފާލާތުގެ ދަށުން ދޫކުރުމެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރެވެން ޖެހޭނެ ކަމާ މެދު އެމަނިކުފާނުގެ ވަކީލުންގެ ޓީމުން އެއްވެސް ޝައްކެއް ނުކުރެ އެވެ. މަނީ ލޯންޑަރިންއަކީ ކަފާލާތުގެ ދަށުން ދޫނުުކުރެވޭނެ ފަދަ މައްސަލައެއް ނޫން ކަަމަށްވެސް ވަކީލުން ދެކެއެވެ. އެކަމަކު، އެކަމާ އެހެން ބައެއް ވަކީލުން ދެކޮޅު ހައްދަވައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ގާނޫނީ ވަކީލު މަހުފޫޒު ސައީދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) އާ ހަވާލާދެއްވައި ޓްވިޓާގައި ވިދާޅުވީ އިސްތިއުނާފް މަރުހަލާގަ ކަފާލާތަށް އެދެވޭނީ ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމުން ޕީޖީ މައްސަލަ އިސްތިއުނާފްކޮށް، އިސްތިއުނާފު ނިމެންދެން އެމީހަކު ބަންދުގަ ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރާ ހާލަތުގައި އެކަނި ކަމަށެވެ. ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގައި ކަންވީ އެހެންނެއް ނޫނެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވީ އެވެ. އެހެން ކަމުން ހުކުމް އިސްތިއުނާފު ކުރީ އެމަނިކުފާނުގެ ފަރާތުންނެވެ. ޕީޖީއަކުން ނޫނެވެ.

އެހެންނަމަވެސް، މަހުފޫޒު ވިދާޅުވި ހާލަތު ނެތީސް ހައިކޯޓުން މީގެ ކުރިން ކަފާލާތުގެ ދަށުން މީހުން ދޫކޮށްފައިވެ އެވެ. ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވިތާ ހަތް ދުވަސް ފަހުން، ފުލުހުންގެ ތަހުގީގަށް ފޯނުކޮޅު ނުދެއްވި މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރިޝްވަތުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ގާސިމް އިބްރާހިމްއާއި، ޝަހުސު އޮޅުވާލުމުގެ މައްސަލައިގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ހައިކޯޓުން ކަފާލާތުގެ ދަށުން ދޫކުރި އެވެ.

ރައީސް ޔާމީންގެ ވަކީލު އާދަމް އާސިފް ދެކެވަޑައިގަންނަވާ ގޮތުގައި ހައިކޯޓުގެ އެ ނިންމުމުން އެ އޮތީ ޝަރުއީ އުސޫލެއް ކަނޑައެޅިފަ އެވެ. އެހެންކަމުން ހަމަ އެ އުސޫލުން ރައީސް ޔާމީންވެސް ކަފާލާތުގެ ދަށުން ދޫކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ގާނޫނީ ވަކީލު އަދި މާފައްނު އުތުރު ދާއިރާގެ މެމްބަރު އިމްތިހާޒު ފަހުމީ ވިދާޅުވީ، މައުމޫން، ގާސިމް އަދި ފާރިސް ދޫކުރީ ހުކުމުގެ ފަހުން ބެއިލްއަށް ދުކުރެވޭނެ އުސޫލެއް އޮވެގެން ނޫން ކަމަށެވެ. އެފަދަ އުސޫލެއް ކުރިންވެސް މިއަދުވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ކޯޓުތަކުން އެ ބޭފުޅުން ދޫކޮށްލީ ވެރިކަން ވެއްޓުނީމާ ދެން ހަދާނެ ގޮތެއް ނޭނގިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓުތަކުން އޭރު ހޭވުނު ހަޑި ސާފުކޮށްލަން ކޮންމެވެސް ގޮތެއް ހަމަ އެ ކޯޓުތަކުން ހަދާލީ،" އިމްތިޔާޒް ވިދާޅުވި އެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކުރެވޭނެތޯ ނުވަތަ ނޫންތޯ އެއީ ހޫނުކޮށް ކުރިއަށްދާ ބަހުސެކެވެ. ރައީސް ޔާމީންގެ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ރިއާއަތްކޮށް ކަފާލާތާ މެދު ހައިކޯޓުން ކޮންމެވެސް ދުވަހަކުން ގޮތެއް ނިންމަން ޖެހޭނެއެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކޮށްފި ނަމަ އެ ކޯޓުގެ ނިންމުން ވެގެންދާނީ އެކަމުގެ އެންމެ ފަހު ބަސް ކަމުގައެވެ.

"ގޮތެއް ނުނިންމަނީ ސިޔާސީ ނުފޫޒުގެ ސަބަބުން"

ޔާމީން ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ތުހުމަތު ކުރަނީ އެމަނިކުފާނުގެ ކަފާލާތާ މެދު ގޮތެއް ނުނިންމައި ބާއްވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެއީ ކައުންސިލް އިންތިހާބު ކައިރިވެފައި އޮތުމުން، އެމަނިކުފާނު ދޫކޮށްލައިފި ނަމަ ކެމްޕޭން ކުރުމުގެ ފުރުސަތު އޮތުމުން ކަމަށް އިދިކޮޅުން ބުނެއެވެ. މީގެ ކުރިން މަޖިލިސް އިންތިހާބު ކައިރިވެފައި ވަނިކޮށް ޖަލަށް ބަދަލުކުރީވެސް އެހެންވެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

"ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ރައީސް ޔާމީން ހައްޔަރު ކުރީ. މިއަދު މި އުޅެނީ ލޯކަލް ކައުންސިލް އިންްތިހާބު ބޯމަތިވެފައި އޮތީމަ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ތާވަލުނުކޮށްގެން މި އުޅެނީވެސް ކަފާލާތުގެ ނުލިބިގެން މި އުޅެނީވެސް،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ތުހުމަތަކީ ސީރިއަސް ތުހުމަތެކެވެ. އެއީ ސަރުކާރުން ނުވަތަ ސަރުކާރު ހިންގާ ޕާޓީއިން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތެވެ. ނުވަތަ ކޯޓުތަކުން ނުފޫޒުގައި ޖެހޭކަމުގެ ތުހުމަތެވެ. އެއީ އަބަދުވެސް ސަރުކާރު ހިންގާ ފަރާތަށާއި ކޯޓުތަކަށް ކުރެވޭ ތުހުމަތެކެވެ.

ނޮވެމްބަރ 28، 2019: ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވި ދުވަހު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށްވެސް އެ ތުހުމަތު ކުރެވުނެވެ. އެމަނިކުފާނުގެ ދައުރުގެ ތެރޭގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީގެ މަސްލަހަތާ ހިލާފަށް ކަންތައްތައް ކުރައްވަމުން ގެންދެވި އެތައް ބަޔަކު ކޯޓުތަކުން ޖަލަށް ލިއެވެ. އޭރު ކޯޓުތަކުން ކަންތައް ވަމުން އައީ އެމަނިކުފާނަށް ސިޔާސީ ގޮތުން ފައިދާވާނެ ގޮތްތަކަށެވެ.

އެކަމަކު ވެރިކަން ފޮރުޅުމުން، ޖަލަށްލި ބޭފުޅުންނަށް ކުރި ހުކުމްތައް ބާތިލުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެތައް ބަޔަކު ހަމަ އެ ކޯޓުތަކުން ދޫކޮށްލި އެވެ. ސިޔާސީ މަސްރަހަށް އައި ބަދަލާ އެކު ކޯޓުތަކުގެ ނިންމުންތައް ވަކި އަތަކަށް ބަދަލުވީއެވެ. އެއީ ފަހަރެއްގައި އިއްތިފާގެއް ކަމަށްވެދާނެ އެވެ. އެކަމަކު ބައެއް ދިވެހީން ކޯޓުތަކަށް އިތުބާރު ނުކުރާ އެއް ސަބަބަކީ އެއީ އިއްތިފާގެއް ކަމަށް އެ މީހުންނަށް ގަބޫލު ނުކުރެވުމެވެ.

އެ ދުވަހު އޮތް ސުޕްރީމް ކޯޓުގެ ބެންޗު މުޅިން ބަދަލުވެއްޖެ އެވެ. ކްރިމިނަލް ކޯޓުގައި އިސްކޮށް ހުރި ގާޒީ، ގާޒީ ކަމުން ވަކިކޮށްފި އެވެ. އެކަމަކު، މިއަދުވެސް ހަމަ ބޮޑެތި ކޯޓުތަކުގައި ގިނައިން ތިބީ އެ ދުވަހު ވައިޖެހޭ ކޮޅަށް ހުކުމް ކުރި ގާޒީން ކަމަށް ބައެއް މީހުން ދެކެއެވެ. އެހެންކަމުން އަބްދުއްރަހީމް ވިދާޅުވާ ފަދަ ސިޔާސީ ނުފޫޒެއްގައި އެ މީހުން ނުޖެހޭނެތޯ ބައެއް ރައްޔިތުން ސުވާލު އުފައްދައެވެ. އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބި ގިނަ މީހުންނަކީ ސިޔާސީ ފައިދާއެއް ލިބެން އޮތްތަނެއްގައި ގާނޫނާއި ގަވައިދު ނެގެހެއްޓުމަށް ބަލާނެ ވަރުގެ ނަޒާހަތްތެރި ބައެއްތޯވެސް ބައެއް ރައްޔިތުން ސުވާލު އުފައްދައެވެ.

ސިޔާސީ ނުފޫޒުން ވިޔަސް އެ ނޫން ސަބަބަކާ ހުރެ ކަމަށް ވިޔަސް ކާފާލާތާ މެދު އަވަހަށް ގޮތެއް ނިންމުމަކީ ރައީސް ޔާމީންގެ އާދޭހެކެވެ. އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އިއްޔެ ވަނީ އެމަނިކުފާނުގެ މެސެޖެއް އާންމު ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވަނީ ތަފާތުކުރުމެއް ނެތި އެމަނިކުފާނަށްވެސް "ބެއިލް"ގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށެވެ. ދޮޅު މަސްދުވަސް ވީއިރު، އެމަނިކުފާނުގެ ކަފާލާތާމެދު ކޯޓުން ވަކިގޮތެއް ނިންމާފައި ނުވުމަކީ ކޮންކަހަލަ ހަމައެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފު ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން،" ރައީސް ޔާމީން ވިދާޅުވިކަމަށް، ޖަމީލްގެ ޓުވީޓުގައިވެ އެވެ.

comment ކޮމެންޓް