ކަފާލާތާ މެދު ގޮތެއް ނުނިންމާތީ ޔާމީންގެ ޝަކުވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑާކުރެއްވިކަން ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާތާ ގިނަ ދުވަސްތަކެއް ވީނަމަވެސް، އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމާފައި ނުވާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ މެސެޖު ޓުވިޓާ މެދުވެރިކޮށް ހިއްސާކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެވެ.

ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވަނީ ތަފާތުކުރުމެއް ނެތި އެ މަނިކުފާނަށްވެސް ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށެވެ.

އަދި ދޮޅު މަސްދުވަސް ވީއިރު، އެމަނިކުފާނުގެ ކަފާލާތާމެދު ކޯޓުން ވަކިގޮތެއް ނިންމާފައި ނުވުމަކީ ކޮންކަހަލަ ހަމައެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފު ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން،" ރައީސް ޔާމީން ވިދާޅުވިކަމަށް، ޖަމީލްގެ ޓުވީޓުގައިވެއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ހުށަހަޅާފައިވަނީ އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި އިރުއެވެ.

ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުން ދަށުކޯޓަކުން ހުކުމްކޮށްފައިވާ މީހަކު ނުވަތަ ހައިކޯޓުން ހިންގާ ގަޒިއްޔާއެއްގައި ކުށުގެ ތުހުމަތުގައި ހުރި މީހަކު ހައިކޯޓުން ގަބޫލުކުރާފަދަ ކަފާލަތެއް ހުށަހަޅައިފިނަމަ، ހައިކޯޓުން އެ މައްސަލައަކާ މެދު ނަޒަރު ހިންގުމުގެ ތެރޭގައި ނުވަތަ ޝަރީއަތް ހިންގުމުގެ ތެރޭގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމަކީ ހައިކޯޓުގެ އިހްތިޔާރުގައިވާ ކަމެކެވެ.

ޖަމީލް މީގެ ކުރިން ވިދާޅުވެފައިވަނީ ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ އެފަދަ ހައްގުތައް ރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާ ކަމަށާއި އެހެން ކަމުން ރައީސް ޔާމީނަށްވެސް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ.

ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވައެވެ. އަދި ވިދާޅުވަމުން ގެންދެވީ އެއީ ކެމްޕޭން ފައިސާގެ ގޮތުގައި އެކިއެކި ފަރާތްތަކުން އެމަނިކުފާނަށް ދިން ފައިސާ ކަމަށާއި އެ ފައިސާ ބެލެހެއްޓީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.

comment ކޮމެންޓް