ޖާޒީގެ ޝޫޓިންގެ ތެރެއިން ޝާހިދު ކަޕޫރަށް އަނިޔާވެއްޖެ

ޖާޒީގައި ޝާހިދު ފެނިގެންދާނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން---

ކަބީރު ސިންހްގެ ކާމިޔާބަށް ފަހު ބޮލީވުޑްގެ ކުޅަދާނަ ތަރި ޝާހިދު ކަޕޫރުގެ "ޖާޒީ"ގެ ޝޫޓިން ފަށައި ކުރިއަށް ދަނިކޮށް ޝާހިދަށް އަނިޔާވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޝާހިދަށް އަނިޔާވީ ފިލްމުގެ މަންޒަރެއް ޝޫޓްކުރުމުގެ ކުރިން ޖެއްސި ފައިނަލް ޕްރެކްޓިސެއްގައި ކަމަށެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމުގައި ކްރިކެޓް ކުޅެން ފަރިތަކުރަމުން ދަނިކޮށް ބެޓުން ޖެހި ބޯޅަ ވަނީ ޝާހިދުގެ އަނގަމަތީގައި ޖެހި ފަޅައިގެން ގޮއްސަ އެވެ.

ބޯޅަ ޖެހުމާ އެކު އޭނާގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސް ލޭ އަންނަ ފެށިކަމަށާއި ލަސްނުކޮށް ޑަކްޓަރަށް ދައްކައި އެތަން ފެހި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި 13 ފަހަރު އެތަން ފަހަން ޖެހުނު ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ޝާހިދަށް އަނިޔާވުމާ އެކު އޭނާގެ އަނބިމީހާ މީރާ ރާޖުޕުތް ވެސް ވަނީ ޝާހިދު ގާތަށް ޗަންދީގަރަށް ގޮއްސައެވެ. ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މުރްނާލް ތާކޫރް އެވެ. ފިލްމު ޑައިރެކްޓްކުރާނީ އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމް އެވެ.

ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް