ޓްރެފިކް ފުލުހުންގެ މަސައްކަތް ލުއިކުރަން މަޝްވަރާކުރަނީ

ސީޕީ ހަމީދު -- ސަން ފައިލް ފޮޓޯ

ޓްރެފިކްގެ ގަވާއިދުތައް ތަންފީޒުކުރުމަށް ޓްރެފިކް ބަލަހައްޓާ ފުލުހުން އުފުލަންޖެހޭ ބުރަ، ލުއިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ މިދިޔަ އަހަރުގެ ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގެ ތަފްސީލު ރިޕޯޓު އާންމުކުރައްވަމުން ސީޕީ ވިދާޅުވީ މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އޮފިސަރުން ކޮންމެ ދުވަހަކުވެސް ގިނަ ވަގުތުތަކެއް ހޭދަކުރާ ކަމަށެވެ.

ނަމަވެސް އެއީ އެކަން އޮންނަން ވާނެ ގޮތް ނޫން ކަމަށާއި، އޮފިސަރުންނަށް ލުއި ގޮތްތަކެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ އެކު އަންނަ ހަފްތާގައި މަޝްވަރާތައް ފައްޓަވާނެ ކަމަށް ސީޕީގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ސީޕީ އާންމުކުރެއްވި މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނި ވެސް 69،552 ޓްރެފިކް މައްސަލައާ ގުޅިގެން ވަނީ ފިޔަވަޅު އަޅައިފައެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ މައްސަލަތަކެވެ. މިދިޔަ އަހަރު 36،963 ވަޔަލޭޝަން ސްޓިކާ ޖެހި އިރު، ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ 7500 އަށް ވުރެ ގިނަ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވެއެވެ.

މިދިޔަ އަހަރު 2840 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް