ބަޑި ޖަހައިގެން ވާލާއި ކާޅު މެރުން ރަނގަޅެއް ނޫން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިއާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެގެން ބަޑިޖަހައިގެން ވާލާއި ކާޅު މަރައިދޭން މީހުން އެދެމުން އަންނަ ކަމަށާއި، ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވާލާއި ކާޅު މެރުމަށް ހުއްދަ ދެނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަމަށާއި ނަމަވެސް އީޕީއޭއިން ހުއްދަ ދީފައި ވަނީ އެ ތަކެތި ފައްސަން ކަމަށެވެ.

ހަމަ އެއާއެކު ވަކި އަމާޒެއް ނެތި ބަޑިޖެހުމަކީ ހަރަދު ބޮޑު ކަމެއް ކަމަށާއި އެއީ މީހުން ދިރިއުޅޭ ރަށްރަށުގައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެގެން އެމްއެންޑީއެފްއިން ބަޑިޖަހައިގެން ކާޅާއި ވާ މަރާފައިވެއެވެ.

އެގޮތުން 2012 ވަނަ އަހަރު ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު އަދި ނ. އަތޮޅުގެ ރަށްރަށުގައި ކާޅާއި ވާ މަރަން ސިފައިން ބަޑި ޖެހިއެވެ. އަދި 2014 ގައި އއ. ތޮއްޑޫގެ ދަނޑުވެރިންނަށް ވާލުގެ އުނދަގޫ ބޮޑުވެ، ސިފައިން ބަޑި ޖަހައި 300 އަށް ވުރެ ގިނަ ވާ މެރިއެވެ.

comment ކޮމެންޓް