ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ މީހުން ފެނިއްޖެ

ބަޔަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އައްޑޫލައިވް

ހަބަރެއް ނުވެ ގެއްލިގެން ހޯދަމުން ދިޔަ، މާލެ އަތޮޅު މާފަޅުގައި ހަދަމުންދާ ރިސޯޓުގައި މަސައްކަތްކުރާ ދެ ޑައިވަރުން ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ހަބަރެއް ނުވެގެން ޑައިވިނަށް ދިޔަ ދެ މުވައްޒަފުންނަކީ ބިދޭސީ ދެ ފިރިހެނުން ކަމަށެވެ. އެމީހުންގެ ހަބަރެއް ނުވެގެން މިއަދު 2:30 ހާ އިރު ރިޕޯޓުކުރި އިރު، އެމީހުން ފެނުނީ 4:40 ހާ އިރުއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ދެމީހުން ގެއްލުނު ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވި އިރު، ކައިރި ރިސޯޓުތަކުންވެސް ހަރަކާތްތެރިވިއެވެ. އެމްއެންޑީއެފުން ބުނީ އެމީހުން ފެނުނީ ކ. ހެލެނގެލީގައި ހިންގާ ރިސޯޓުގެ ލޯންޗަކަށް ކަމަށެވެ. އަދި ދެމީހުންގެވެސް ހާލު ރަނގަޅުކަމަށް ބުންޏެވެ.

ގެއްލިގެން ހޯދަމުން ދިޔަ ދެ ޑައިވަރުން މިއަދު ފެނުނު އިރު، ގެއްލިފައިވާ އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ދަނީ އެމްއެންޑީއެފް އިން ކުރަމުންނެވެ.

މިދިޔަ ހޯމަ ދުވަހުގައި ކ. ކަގި ކައިރިން ފަރަށް އެރި "ޓީޓީއެސް ފާން" ނަމަކަށް ކިޔާ ދޯންޏެއްގެ ކައްޕި ގެއްލިފައެވެ. ގެއްލިގެން ހޯދަމުންދާ ކައްޕިއަކީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ. އަދި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައިވެސް ވަނީ މީހަކު ގެއްލިފައެވެ. އެހާދިސާގައި ގެއްލިފައިވަނީ ނަސްރުﷲ އަބްދުﷲ، 41 / ބ. އޭދަފުށީ، މުޝްތަރީގެއެވެ.

އެ ދެމީހުން ހޯދުމުގެ މަސައްކަތްވެސް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ. އެގޮތުން ދެމީހުން ގެއްލިފައިވާ ސަރަހައްދުން ބޮޑު ބައެއް މިހާރުވެސް ބަލާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

comment ކޮމެންޓް